ކުރިން ރާއްޖޭގެ ކޯޗުކަމުގައި މަސައްކަތްކުރިއިރު ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިން އަލުން ސަކޮޑުގައި ބޭނުންކުރަން ވިސްނީ، މިހާރު އޮތް ޓީމަށް ފަސޭހައިން މެސެޖުގ ފޯރުކޮށްދެވޭނެ ގޮތެއް ހޯދުމަށް ކަމަށް ރާއްޖޭގެ ކޯޗު، އިސްތަވަން އުރުބާނީ ބުނެފިއެވެ.
އުރުބާނީއަކީ ދިވެހި ފުޓުބޯޅައަށް ފަރިތަ، ކުރިން ގައުމީ ޓީމަށް ދެފަހަރަށް ކޯޗުކަން ކޮށްދީފައިވާ ކޯޗެކެވެ. އޭނާއާއެކު ގައުމީ ޓީމުން ކުޅުމަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާ އިރު، އެންމެ ފުރަތަމަ އުރުބާނީ ރާއްޖެއަށް ކޯޗުކަން ކޮށްދިނީ 2009 ވަނަ އަހަރުއެވެ. އެފަހަރު އަހަރެއް ދުވަހު އޭނާ ކޯޗަކަށް ހުއްޓެވެ.
އޭގެފަހުން އަނެއްކާވެސް 2011 ވަނަ އަހަރުން 2013 ވަނަ އަހަރަށް އުރުބާނީ ރާއްޖެއާއެކު މަސައްކަތް ކުރިއެވެ.
އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭ ގޮތުން މިއަދު ޕްރި މެޗު ޕްރެސްގައި ވާހަކަ ދައްކަމުން އުރުބާނީ ބުނީ މިވަގުތު އެންމެ މުހިއްމު ކަމަކީ "ގައުމީ ޓީމުގެ ކޯ" އަލުން ހޯދުން ކަމަށާއި، އެއީ އުމުރުން 25، 26 އަހަރުގެ ރަނގަޅަށް ކުޅޭ ކުޅުންތެރިންގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗެއް ކަމަށެވެ. އަދި ރާއްޖޭގެ ލެގަސީ އުރުބާނީއާއެކު އެނބުރި އައި ކަމަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، ލެގަސީއަކީ މީހެއް ނޫން ކަމަށް އޭނާ ބުންޏެވެ.
މިފަހަރު ގައުމީ ސްކޮޑު އެކުލަވާލި އިރު، އުރުބާނީ ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އޭނާއާއެކު ކުރިން ގައުމީ ޓީމުގައި ފެނިގެން ދިޔަ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) އާއި އަމްދާން އަލީގެ އިތުރުން އަހުމަދު އަބްދުﷲ (ލިލީ)ވެސް ސްކޮޑުގައި ހިމެނިއެވެ. އޭގެ އިތުރުން އޮޑި ސްޕޯޓްސް ކްލަބްގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ)ވެސް އަނބުރާ ގައުމީ ސްކޮޑަށް ނުކުމެފައިވެއެވެ.
އޭގެ ތެރެއިން އަޝްފާގު މަސައްކަތް ކުރަމުން ދަނީ ގައުމީ ޓީމަށް 100 މެޗު ހަމަކުރުމަށެވެ. ކޯޗު އުރުބާނީގެ ނަޒަރުގައިވެސް އަޝްފާގަށް އެކަން ހާސިލްވުމަށް އެދޭކަން ފާހަގަކުރިއެވެ. އަދި "ހީރޯ"އިންނަށް އަބަދުވެސް ޓީމުން ޖާގަ އޮންނާނެ ކަމަށް އުރުބާނީ ބުންޏެވެ.
"އަހަރެން ކުރިން މަސައްކަތް ކުރި އެރާއިން ބައެއް ކުޅުންތެރިން ޓީމަށް ނެގީ އަހަރެންގެ ސްޓައިލާއި އެޕްރޯޗްގެ އިތުރުން ފޯރުކޮށްދޭން ޖެހޭ މެސެޖު ފަސޭހައިން ފޯރުކޮށްދިނުމަށް. އެއީ މިހާރު އޮތް ޖެނެރޭޝަނަށް ފަސޭހަ ކޮށްދޭން ކުރި ކަމެއް. އަހަންނަށް އެނގޭ އެ ކުޅުންތެރިންނަކީ އަދިވެސް ބައެއް ހާއްސަ ކަންކަން ޓީމަށް ގެނެސްދެވޭނެ ކުޅުންތެރިންކަން،" އުރުބާނީ ބުންޏެވެ.
އުރުބާނީ ބުނީ މިހާރު ޓީމުގެ އެވަރެޖް އުމުރަކީ ގާތްގަނޑަކަށް 32 އަހަރު ނަމަވެސް، އެކަމަށް ބަދަލު އަންނާނެ ކަމަށެވެ.
"މިހާރު އެވަރެޖް އުމުރަކީ 32 ވަރު ނަމަވެސް، އެއީ 20 އަހަރުން ދަށުގެ ޓީމުގެ އެއްވެސް ކުޅުންތެރިޔަކު ސްކޮޑުގައި ނުހިމެނޭތީ އެހެން އެ އޮތީ. އެކަމަކު ކުރިއަށް އޮތް ފޯ ނޭޝަންސް ކަޕަށް އެކަން ބޮޑުތަނުން ބަދަލުވާނެ. ދެން އޮތް ވާހަކައަކީ ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކަންތައްތަކެއް ފެނުނު، އެއީ އަހަރެން އަބަދުވެސް ވަރަށް އިހުތިރާމްކޮށް، ޝުކުރުވެރިވާ ކުޅުންތެރިން،" އުރުބާނީ ފާހަގަކުރިއެވެ.
ގާތްގަނޑަކަށް 13 ވަރަކަށް އަހަރުފަހުން އުރުބާނީ އަލުން ސީނިއާ ޓީމު ގޮވައިގެން ގައުމީ ދަނޑުގެ މެޗަކަށް ނުކުންނަ އިރު، އޭނާ އިތުރަށް ބުނީ އަޝްފާގު ކަހަލަ ކުޅުންތެރިންގެ ފަރާތުން ޓީމެއް ބިނާކުރުމަށް އެހީތެރިކަން ލިބޭ ކަމަށެވެ. ހާއްސަކޮށް "ލެޖެންޑް" އެއް ޓީމުގައި ހުރުން އެއީ އުފާކުރާ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
އޭޝިއަން ކަޕް ކޮލިފައިން ފަހު މެޗުތަކާ ކުރިމަތިލާ އިރު، ގްރޫޕް އޭގެ އެއްވަނައިގައި ތަޖިކިސްތާނުން އޮތީ ދެވަނައިގައި އޮތް ފިލިޕީންސާ އެއްވަރަށް ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ގޯލްގެ ތަފާތަށް ބަލާ އިރު، ތަޖިކިސްތާން އޮތީ އެއް ގޯލު ކުރީގައެެވެ. ތިންވަނައިގައި އޮތް ޓިމޯ ލެސްޓޭ އަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ހަތަރެއްގައި އޮތް ރާއްޖޭން ކުޅުނު ހުރިހާ މެޗަކުން ބަލިވުމުން އަދި ޕޮއިންޓެއް ނުލިބެއެވެ.
ޓިމޯ ލެސްޓޭއާއި ރާއްޖެ މާދަމާ ކުޅޭ މެޗު ހަވީރު 3:30 ގައި ފަށާ އިރު، ކުރިން ރަށުން ބޭރުގައި ރާއްޖެ ޓިމޯ ލެސްޓޭ ކައިރިން ބަލިވެފައި އޮތީ 1-0 އިންނެވެ.
މުޙައްމަދު ޝަމްޢޫން
އިސްތަވް އުރުބާނީ
އިސްތަވް އުރުބާނީ
އިސްތަވް އުރުބާނީ
އިސްތަވް އުރުބާނީ