ރާއްޖެ އުފެދިފައި އޮތް ގޮތުން، އެހެން ގައުމުތަކުން ކަންކުރާ އުސޫލުން ކަންކަން ނުކުރެވުނު ނަމަވެސް، ރާއްޖެއަށްވެސް ހާއްސަ ޕްލޭނެއް ހަދައިގެން ރަނގަޅަށް ކޮލިޓީ ކުޅުންތެރިންނަށް ފޯކަސް ކުރެވިގެން ފުޓުބޯޅައިން ނަތީޖާ ނެރެވެނޭ ކަމަށް ހަންގޭރީގެ ޓެކްޓީޝަން، ރާއްޖޭގެ ސީނިއާ ޓީމާއި ޒުވާން ޓީމުގެ ކޯޗު، އިސްތަވަން އުރުބާނީ ބުނެފިއެވެ.
ރާއްޖޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށު މުބާރާތުގައި ރާއްޖޭން ގްރޫޕް ސްޓޭޖު ނިންމާލީ މެޗަކުން މޮޅު ނުވެވިއެވެ. ޓީމުން ރަނގަޅު ވާދައެއް ކުރި ނަމަވެސް، ސްރީ ލަންކާ ކައިރިން ބަލިވީ 3-2 އިންނެވެ. އެއީ ދެ ގޯލް ޖަހާފައި ވަނިކޮށެވެ. ބޫޓާނާއި ނޭޕާލް ކައިރިން ރާއްޖެ އެއްވަރުވި އިރު، ނޭޕާލް މެޗަށްފަހު އުރުބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ފުޓުބޯޅައަށް ގެނެވޭނެ ބަދަލަކަށް ވިސްނުން އެބަހުރި ކަމަށް ބުނެފައެވެ.
ކޯޗު އުރުބާނީ ވަނީ ނޭޕާލް މެޗުން ރަނގަޅު ކަންތައްތަކެއް ފެނުނުކަން ފާހަގަކޮށްފައެވެ. ކުޅުންތެރިންނަށް އެމެޗަކީ ކެރެކްޓާގެ ޓެސްޓެއް ކަމަށް އުރުބާނީ ބުންޏެވެ. އަދި އެ ޓެސްޓުން ފާސްވީ ވަރުގަދައަށް ކުޅެ، ފިޒިކަލީ ޖައްސައިގެން ސަޕޯޓަރުންނަށްޓަކައި ކުޅެގެން ކަމަށް އޭނާ ބުންޏެވެ.
"ކުރިންވެސް ބުނިހެން މި މުބާރާތަކީ ކުޅުންތެރިން ހޯދައި، ކުޅުންތެރިން ތިބި ހިސާބު ބެލޭނެ މުބާރާތެއް. ދެން އަނެއްކަމަކީ އަހަރެމެންގެ ރާއްޖެ މިއޮތް ގޮތުން ރެކްރޫޓްމަންޓާއި އެހެން ކަންކަމަށް ހުރި މަގުތައް ބެލުން. ރާއްޖެއަކަށް އިންޑިއާއާއި ބަންގްލަދޭޝްގެ މޮޑެލް ބޭނުމެެއް ނުކުރެވޭނެ. ނޭޕާލާއި ބޫޓާނުގައިވެސް މިސާލަކަށް ސެންޓްރަލައިޒްކޮށް މި ރެކްރޫޓް ކުރަނީ. އެކަމަކު ރާއްޖެއަށް މި ޖެހެނީ އަތޮޅު ތެރެއިން ރެކްރޫޓް ކުރަން. ދެން ވިސްނަން ޖެހޭ އަނެއް ކަމަކީ ރާއްޖޭން މި ޖެހެނީ އަދަދަށްވުރެ ބޮޑަށް، ކޮލިޓީއަށް ފޯކަސް ކުރަން. އެއީ އެހެން ގައުމުތަކާ އަހަރެމެންނާ އާބާދީ އަޅައެއް ނުކިޔޭނެ،" އުރުބާނީ ބުންޏެވެ.
އުރުބާނީ ބުނީ ޕޮޓެންޝަލް ހުރި ކުޅުންތެރިން ހޯދައި، ކޮލިޓީއަށް ފޯކަސް ކުރުމުން ރާއްޖެއަށް ފައިދާ ބޮޑުވި ނަމަވެސް، މި ދައްކަނީ އެއްވެސް ކުޅުންތެރިއެއް ބާކީ ކޮށްލާ ވާހަކަ ނޫން ކަމަށެވެ. އަދިވެސް ކުޅުންތެރިންގެ ޕޫލް ބޮޑުކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
އޭގެ އިތުރުން އުރުބާނީ އެންމެ ބޮޑަށް ފާހަގަކުރީ ވަކި ހާއްސަ ޕްރޮގްރާމެއްގެ ދަށުން ކުޅުންތެރިން ކުރިއަރުވަން ޖެހޭ ކަމަށެވެ.
"އަހަރެމެން ޖެހޭ ވަކި ހާއްސަ ޕްލޭނެއް، ޕްރޮގްރާމެއް ތައްޔާރުކުރަން. އެއްވެސް ހަރުފަތެއް ދޫކޮށްލާފައި ކުޅުންތެރިން ކުރިއަރުވަން މަސައްކަތް ނުކުރެވޭނެ. އަހަރެމެން އަތުގައި އެބަހުރި އެކަޑެމީތަކާއި ކުޅުންތެރިންވެސް. މިސާލަކަށް ކުރިއެރުމަށް ބަލަމާ ހިނގާ ފުޓްސަލް. ރާއްޖޭގައި ފުޓްސަލް ކުރިއެރީ އޭގެ ތެރެއަށް ވިޔަފާރިވެސް ވަދެގެން. ވިޔަފާރި ކޮންސެޕްޓުން ފުޓްސަލްއަށް އިންވެސްޓް ކުރެވިގެން އެ ކުރިއެރީ،" އުރުބާނީ ބުންޏެވެ.
އިންފްރާސްޓްރަކްޗާގެ ވާހަކަ ފާހަގަކޮށް އުރުބާނީ ބުނީ 2013 ވަނަ އަހަރު ދިޔައިރު އޮތް ހާލަތުގައި މާލޭގެ ޕްރެކްޓިސް ދަނޑު އޮތުން އެއީ ހައިރާންވި ކަމެއް ކަމަށެވެ.
"އަހަރެން 2013 ވަނަ އަހަރު ދިޔައިރުވެސް އޮތް ގޮތަށް އަދިވެސް މާލޭގެ ޕްރެކްޓިސް ހާލަތު މިއޮތީ. ދެން ބަލާލިއިރު އެކަމަށް އިންވެސްޓް ކުރި ހުރިހާ ފައިސާއެއް މިދިޔައީ އެހެން ތަންތަނަށް. އެއީ ބަދަލުރަން ޖެހޭ ކަމެއް. ލިބޭ ފަންޑުން ވަކި ޕްރޮގްރާމަކަށް ފަންޑް ކުރެވެން ޖެހޭ،" އުރުބާނީ ފާހަގަކުރިއެވެ.
އުރުބާނީ ބުނީ ރާއްޖޭގެ ނަތީޖާތަކަށްފަހު ދެއްކި ވާހަކަތަކުން އެއްވެސް ހާލަތެއްގައި ބަހަނާއެއް ދައްކަން ބޭނުންވެގެން އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާނެ ކަމަށާއި، އެއީ ހަގީގަތަށް ބިނާކޮށް ދެއްކި ވާހަކަ ކަމަށެވެ. އުރުބާނީ ބުނީ ޒުވާން ޓީމަށް މި މުބާރާތަށް ކުރިއެރުންތައް ލިބެއްޖެ ކަމަށާއި، އެއީ އުފާވެ، އެކަމަށް ސަޕޯޓް ދޭން ޖެހޭ ސަބަބެއް ކަމަށެވެ.
ޒުވާން ޓީމުތަކަށް ވާދަވެރި މާހައުލެއް ހޯދައިދޭން 20 އަހަރުން ދަށުގެ ޓީމު ދެވަނަ ޑިވިޝަނުގައި ކުޅުވުން އެއީ ރަނގަޅު ވިސްނުމެއް ކަމަށްވެސް އުރުބާނީ ފާހަގަކޮށްފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
އިސްތަވް އުރުބާނީ
އިސްތަވް އުރުބާނީ
އިސްތަވް އުރުބާނީ
އިސްތަވް އުރުބާނީ