އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު، ޓިމޯ ލެސްޓޭއާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމުން އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ތަރި ހަމްޒާ މުހައްމަދު (ހަމްޕު) ނުފެންނާނެ ކަމަށް އޭނާ ބުނެފިއެވެ.

ގައުމީ ޓީމުން މިހާރު ކުރަމުންދާ ފަރިތަކުރުންތަކަށް ހަމްޕު ފުރަތަމަ ނުކުތް ނަމަވެސް، އޭނާއަށް އަނިޔާވުމާއެކު ފަހުން ޕްރެކްޓިސްތަކުގައި ބައިވެރިވެފައެއް ނުވެއެވެ.

ހަމްޕު މީޑިއާއަށް ބުނެފައި ވަނީ ކަށިމަތީގެ އަނިޔާއެއްގައި އުޅޭތާ ދެމަހެއްހާ ދުވަސް ވެއްޖެ ކަމަށެވެ. މިފަހަރު ޓީމުގެ ޕްރެކްޓިސްއަށް ނުކުތް ނަމަވެސް، ތަދުވާތީ ފަހުން ޕްރެކްޓިސްއަށް ނުދާން ނިންމި ކަމަށެވެ. އެގޮތަށް ނިންމީ ގައުމީ ޓީމުގެ މެޑިކަލް ޓީމާ މަޝްވަރާ ކޮށްފައި ކަމަށެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ހަމްޕު އަކީ ފާއިތުވި އަހަރުތަކުގައި ރާެއްޖޭން ފެނިގެން ދިޔަ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. އޭނާއަކީ ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ އެޓޭކިން ކުޅުންތެރިއެކެވެ.