ކުޑަކުދީން ގުރުއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދާ ގުރުއާން ކްލާސްތައް 103 ކުދީންނާއެކު މިއަދު ފަށައިފިއެވެ.
އެޗްޑީސީން ބުނީ މިއީ، ހުޅުމާލޭގައި ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް، އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެއް ކަމަށެވެ.
ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ ކުރިއަށްގެންދާ އެ ކްލާސްތަކުގައި ބައިވެރިވުމަށް މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި ރަޖިސްޓްރޭޝަން މަރުހަލާ މިހާރު ވަނީ ނިމިފައެވެ. އެގޮތުން، 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދީން އެ ކްލާސްތަކުގައި ވަނީ ބައިވެރިވެފައި ކަމަށް އެޗްޑީސީން ބުނެއެވެ.
ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ކުދިން ވަކިން ސެޝަންތަކަކަށް ބަހާލައިގެން، ހުޅުމާލޭގެ އެކި މިސްކިތްތަކުގައެވެ. ކްލާސްތަކުގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ކިޔަވައިދިނުން ކުރިއަށްގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުންނެވެ.
މިއީ، ކީރިތި ގުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް އިތުރުކޮށް ފުޅާ ކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ ޕްރޮގުރާމެއް ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އެޗްޑީސީގެ އަމާޒެއް ކަމަށް އެ ކޯޕްރޭޝަނުން ބުންޏެވެ.
ފާތިމަތު ލިއުޝާ
ކީރިތި ޤުރްއާން
ކީރިތި ޤުރްއާން
ކީރިތި ޤުރްއާން
ކީރިތި ޤުރްއާން