ރާއްޖޭގައި ކީރިތި ގުރުއާނުގެ ދާއިރާއިން މިހާރު ފެންނަމުންދަނީ ވަރަށް އުފާވެރި އަދި އުއްމީދީ ދުވަސްތަކެއް ކަމަށާއި، އެ ހެޔޮ ބަދަލު ދެމެހެއްޓުމަށް އެންމެން އެކުގައި މަސައްކަތްކުރަންޖެހޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަހީމް ވިދާޅުވީ ގައުމީ ގުރުއާން މުބާރާތުގެ ތާރީހުގައި ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އެދޭ ހުރިހާ ފަރާތްތަކަށް ހުޅުވާލުން ކަމަށެވެ.

ޝަހީމް ވިދާޅުވީ ކޮންމެ އުމުރުފުރާއަކުން ހޮވާލެވޭ މަދު ކުދިންކޮޅަކަށް ފުރުސަތު އޮތުމުގެ ސަބަބުން ބައިވެރިވަނީ 800 އެއްހާ ދަރިވަރުން ނަމަވެސް، މި ފަހަރުގެ މުބާރާތުގައި 3،000 އަށް ވުރެ ގިނަ ބައިވެރިން ވާދަކޮށްފައިވާ ކަމަށެވެ.

ކުރިން ސްކޫލް މުބާރާތްތައް ނުބޭއްވުމުގެ ސަބަބުން ގައުމީ މުބާރާތް އޮތީ ހަމައެކަނި ސްކޫލް ފެންވަރުގެ މުބާރާތަކަށް ބަދަލުވެފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، ގައުމީ މުބާރާތަކީ އެއަށްވުރެ ފުޅާ ދާއިރާއެއްގައި ބާއްވަންޖެހޭ މުބާރާތެއް ކަމަށާއި، މިހާރު ރަށްރަށުގައާއި ސްކޫލްތަކުގައި ގުރުއާން މުބާރާތްތައް ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްގެން ހިންގަމުންދާކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދި މުބާރާތުގެ ވަނަތަކަށް ދޭ އިނާމުތައް ބޮޑުކުރުމަކީވެސް މުބާރާތަށް ލިބުނު ބޮޑު ދިރުމެއްކަމަށް ޝަހީމް ވިދާޅުވިއެވެ.