ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، އެކި ވަނަތައް ހާސިލުކުރެއްވި ބައިވެރިންނާ އިނާމު ހަވާލުކޮށްދެއްވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ މީގެ ކުރިން ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ބައިވެރިވެވެނީ ކޮންމެވެސް މުއައްސަސާއެއް ތަމްސީލު ކުރާ ގޮތަށް ނަމަވެސް، ކީރިތި ގުރްއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތަކީ ބައިވެރިވާން ބޭނުން ކޮންމެ ބައިވެރިޔަކަށް ފަރުދީ ގޮތުން ބައިވެރިވެގެން އޮޑިޝަން ބުރުގައި ވާދަކުރެވޭ ގޮތަށް ބޭއްވި މުބާރާތެއް ކަމަށެވެ.

ސެމީ ފައިނަލް އަދި ފައިނަލް ބުރެއް ހިމެނޭހެން ކުރިއަށްގެންދިޔަ އެ މުބާރާތުގެ އިދާރީ ހުރިހާ ކަމެއްވަނީ ޑިޖިޓަލައިޒްކޮށްފައިކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ގަވާއިދަށް އަލަށްގެނައި ބަދަލާއެކު މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުމަށް އިންސާފުކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ ދެ ޕެނަލްގައިވެސް ބައިނަލްއަގުވާމީ ފެންވަރުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާކުރެއްވި ދުވަހުން ފަށައިގެން ރާއްޖޭގައި ކީރިތި ގުރުއާންގެ އިލްމު ވީހާވެސް ފުޅާކޮށް، ފެތުރެއްވުމަށް ރައީސް މުއިއްޒު ދެއްވަމުން ގެންދަވާ ހާއްސަ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން، ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގައި ބޭއްވި އެންމެ ޝަރަފުވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދޭ މުބާރާތަށް ވަނީ ވެފައިކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ މުބާރާތައް މިހާރު ހަރަދުކުރަނީ ދައުލަތުގެ ބަޖެޓުންކަމަށް ރައީސް އޮފީހުން ބުންޏެވެ.

ފައިނަލުގައި 138 ބައިވެރިޔަކު ވާދަކުރި ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ބައިވެރިޔާ އާއި ހާފިޒުންގެ ގޮފިން 1 ބައިވެރިޔާއަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް މުއިއްޒުކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހާފިޒުންގެ ގޮފިން 1 ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ހަނދާނީ ފިލާ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމު އަދި ބޭނުން ދާއިރާއަކުން ޕީއެޗްޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕް ވަނީ ހަވާލުކޮށްދެއްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒާއި ދީނީ ކަންކަމަށް އެހީވާ ވަގުފު ފަންޑު ހިމެނޭހެން އިސްލާމީ މިނިސްޓްރީން ދޭ ފައިސާގެ އިނާމާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓަޑުންދޭ އުމްރާ ދަތުރާއި ޓްރޮފީވެސް އެ ބައިވެރިންނާ ހަވާލުކޮށްދެއްވީ ރައީސް މުއިއްޒުކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެންމެ ފަހުރުވެރި ވަނަވަނައަށް ހޮވުނު ބައިވެރިންނާ އިނާމު ހަވާލުކޮށްދެއްވުމަށްފަހު ރައީސް ވަނީ، އެ ބައިވެރިންނާއެކު ހަނދާނީ ފޮޓޯފުޅެއް ނަންގަވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ އަދި 2 ވަނަ ބައިވެރިޔާ އާއި ހާފިޒުންގެ ގޮފިން 3 ވަނަ އަދި 2 ވަނަ ބައިވެރިޔާއަށް އިނާމު ހަވާލުކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުކަމަށް ރައީސް އޮފީހުން ބުންޏެވެ.