ކީރިތި ގުރްއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ އެކި ގޮފިތަކުން އެއްވަނަ ހޯދި އިސްމާއީލް އިޒުއާން އިބްރާހީމް، އާޔަން އަހްމަދު އިނާން އަދި އާއިޝަތު ޒީކް ރިޔާޒަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިނާމު ދެއްވައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އިނާމު ހަވާލުކުރިއިރު، މުޅި މުބާރާތުގެ ހާފިޒުންގެ ބައިން އެއް ވަނަ ހޯދާފައިވަނީ މާލެއަށް ނިސްބަތްވާ އިސްމާއީލް އިޒުއާން އިބްރާހީމެވެ. ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުގެ އެއް ވަނަ ގދ. ގައްދޫ، އާޔަން އަހްމަދު އިނާން ކާމިޔާބުކުރިއިރު، ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުގެ އެއް ވަނަ ހާސިލުކުރީ ސ. ފޭދޫ، އާއިޝަތު ޒީކް ރިޔާޒެވެ.
މުޅި މުބާރާތުގެ ވަނަތައް
- ހާފިޒުންގެ ބައި: 2 ވަނަ އިޒްކާން އަޖީބް ހުސައިން (މާލެ)، 3 ވަނަ މުހައްމަދު އަޝްހަމް އަލީ (މާލެ).
- ބަލައިގެން ކިޔެވުން: 2 ވަނަ ޒީކް އިބްރާހީމް ލުތުފީ (ގދ. ތިނަދޫ)، 3 ވަނަ ހުސައިން ޔަމާން އަޒީމް (މާލެ).
- ނުބަލާ ކިޔެވުން: 2 ވަނަ އުވައިސް ބިން އިނާޒު (ގދ. ރަތަފަންދޫ)، 3 ވަނަ އިޒްޔާން އިމާދު އަބްދުﷲ (ހއ. ދިއްދޫ).
މީގެއިތުރުން، އެކި އުމުރުފުރާތަކުން ވަނަތަކަށް އައި ދަރިވަރުންނަށްވެސް ވަނީ އިނާމު ހަވާލުކޮށްފައެވެ.
މުޅި މުބާރާތުން އެއް ވަނަ ހޯދި ދަރިވަރުންނަށް ރައީސް ވަނީ ޝަރަފުގެ ފިލަޔާއި، އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ބޭނުން ގައުމަކުން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ހާއްސަ ސްކޮލާޝިޕެއް ދެއްވާފައެވެ.
އަދި އިސްލާމިކް މިނިސްޓްރީއާއި ގުޅުންހުރި އިދާރާތަކުން 75،000 ރުފިޔާގެ ފައިސާގެ އިނާމާއި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން އުމްރާ ދަތުރެއްވެސް ވަނީ ހަދިޔާކޮށްފައެވެ.
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް
ކޮމެންޓް