ތިލަމާލެ ބްރިޖު ވިލިމާލެއާ ގުޅާލައި ދަތުރު ކުރުމުގެ ފުރުސަތު ހުޅުވާލާ އިރު، އެ ހިސާބުގައި އެއްގަމު އުޅަނދުފަހަރަށް ހަމަޖައްސަން ނިންމާފައިވާ އިންތިޒާމުތަކަކީ ކޮބައިތޯ ޓްރާންސްޕޯޓް މިނިސްޓްރީން އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުން މިގޮތަށް ނިންމީ ބްރިޖު ގުޅާލައި ދަތުރުކުރުމަށް ހުޅުވާލާ އިރު، އެއްގަމު އުޅަނދުފަހަރަށް ރަނގަޅު އިންތިޒާމުތަކެއް ހަމަނުޖައްސާނަމަ އުފެދިދާނެ ކަންބޮޑުވުންތަކާ ބެހޭގޮތުން އާއްމު ފަރާތްތަކަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ބެހޭގޮތުން މަޝްވަރާކުރުމަށްފަހުގައެވެ.

ވިލިމާލޭގެ މާހައުލާއި ހިތްފަސޭހަކަން ދެމެހެއްޓުމާ ގުޅޭގޮތުން މަޖިލީހަށް ފޮނުވާފައިވާ ޕެޓިޝަންގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވިގޮތަށް ތިލަމާލެ ބްރިޖުން ދުއްވާ އުޅަނދުތަކަށް ވިލިމާލެ ތެެރެއަށް ވަނުމުގެ ހުއްދަ ނުދޭނެކަން ކަށަވަރުކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ބްރިޖް ހުޅުވާއިރު އެ ހިސާބުގައި އެކަށީގެންވާ ޕާކިން އިމާރާތެއް ގާއިމުކުރުމަށާއި ވިލިމާލެއަށް ވަދެ ނިކުމެވޭނެ ރަނގަޅު ނިޒާމެއް ގާއިމުވެގެން އަންނާނެކަން ޔަގީންކޮށްދިނުމަށްވެސް އެދިފައިވެއެވެ.

މީގެ އިތުރުން ވިލިމާލެއާ ބްރިޖު ގުޅައިލެވި، އެ ރަށުގައި އަލަށް ގާއިމުކުރާ ހޮސްޕިޓަލް ނިމެންވާއިރަށް ބްރިޖު ސަރަހައްދުން ހޮސްޕިޓަލަށް އައިސް ގޮސް ހެދޭނެ ރަނގަޅު ނިޒާމެއް ބަލި މީހުންނަށް ގާއިމުކޮށްދިނުމަށް ބާރު އަޅައިދިނުމަށްވެސް އެދިފައިވެއެވެ.

ޕެޓިޝަންގައިވާ ގޮތުން އެ ރަށުގައި ހުރި ދުވަސްވީ ބޮޑެތި ގަސްތަކާއި ރަށުގެ ފެހިކަމާއި، ދިރުންތަކަކީ ދުޅަހެޔޮކަމާ ގުޅިފައި ހުރި ކަންތައްތައްކަމުން އެފަދަ ގަސްގަހާގެހި ހިމާޔަތް ކުރުމާއި، އެފަދަ ބޮޑެތި ގަސްގަހުގެ މޫތަކުގެ ސަބަބުން ގެތަކަށް ގެއްލުންވި ނަމަވެސް، ގަސް ކެނޑުމުގެ ބަދަލުގައި ރޫޓު ކޮންޓްރޯލް އުކުޅުތަކަށް ބާރު އަޅައިދިނުމަށްވެސް އެދިފައިވެއެވެ.

ވިލިމާލޭގެ މަގުތަކުގައި ހުންނަ ގަސްތައް ބެލެހެއްޓުމެއްނެތި، ޖަންގަލި ވާން ދޫކޮށްލުމުގެ ސަބަބުން ދުއްވާތަކެއްޗާއި ގޭގެއަށް ގެއްލުންވިޔަ ނުދިނުމަށް، ގަވާއިދުން ގަސްތައް ކޮށާ ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ބާރުއެޅުމަށާއި، ވިލިމާލޭގައި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ރާވައި ހިންގާ އިރު، ބޮޑެތި ގަސްތަކާއި، ފެހި ސަރަހައްދަކީ ބިނާވެށީގެ ބައެއްކަަމަށް ބަަލައިގެން ކަންކަން ފަރުމާކުރުމަށް ބާރު އެޅުމަށްވެސް އެ ޕެޓިޝަންގައި އެދިފައިވެއެވެ. އެގޮތުން ވިލިމާލޭގައި އަލަށް ތަރައްގީކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލާއި ފްލެޓްތައް އިމާރާތްކުރާއިރު އެ ސަރަހައްދުގެ ފެހިކަން ގެއްލުވައިނުލުމަށްވެސް އެދިފައިވެއެވެ.

މީގެ އިތުރުން ރަށުތެރޭގައި ބެޓެރީ ސައިކަލް ގިނަ ނުވާނެހެން ކޮންޓްރޯލްކުރެވޭނެ ނިޒާމެއް ގާއިމުކޮށް، ސިޓީ ކައުންސިލުން މޮނިޓާ ކުރާގޮތަށް ބައިސްކަލް ޝެއަރިން ސިސްޓަމެއް ގާއިމުކުރުމަަށްވެސް އެދިފައިވެއެވެ.

މި ޕެޓިޝަނުގެ ބަހުސްގެ ތެރެއިން ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު ހުށަހެޅުއްވީ، އެ ޕެޓިޝަންގައި ހިމެނޭ ދެބައިގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅުންހުރި ބަޔާ ބެހޭގޮތުން އެ މިނިސްޓްރީގެ ޕްލޭނެއް ހޯދުމަށާއި، މާލޭ ސިޓީ ކައުންސިލާ ގުޅުންހުރި ބައިގެ ކަންތައްތައް އެ ކައުންސިލަށް ހުށަހެޅުމަށެވެ.

އޭނާގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހިންނަވަރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އަބުދުއްރަހުމާނެވެ.

އެ ހުށަހެޅުން ކޮމިޓީން ފާސްކުރިއެވެ.