އާއްމު ތަންތަނުގައި ބިކިނީ ފަދަ ނިވައިކަން ކުޑަ ފޭރާމުގައި ޓޫރިސްޓުން އުޅޭ މައްސަލައާ ގުޅިގެން، ކަމާބެހޭ ގާނޫނުތަކާއި، ގަވާއިދުތައް ތަންފީޒު ކުރަން ދިމާވާ މައްސަލަތަކުގެ މައުލޫމާތު ކަމާބެހޭ މުއައްސަސާތަކުން ހޯދުމަށް، ރައްޔިތުންގެ މަޖިލިހުގެ ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުން މިގޮތަށް ފާސްކުރީ، އާއްމު ތަންތަނުގައި ބިކިނީ ފަދަ ނިވައިކަން ކުޑަ ފޭރާމުގައި ޓޫރިސްޓުން އުޅޭ މައްސަލަ އާއްމުވެފައިވާ ކަމަށްބުނެ އެކަން ހައްލު ކޮށްދިނުމަށް އެދި، އާއްމުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެންނެވެ.

މި ޕެޓިޝަނަށް ބަހުސް ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ފުރުސަތު ހުޅުވުލައިލުމުން، ފުރަތަމަ ވާހަކަދެއްކެވި، މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ވިދާޅުވި، އާއްމު އިޖުތިމާއީ މިންގަނޑުތަކަށް ފަތުރުވެރިން އުޅެންޖެހޭ ގަވާއިދުތަކެއް ޓޫރިޒަމް މިނިސްޓްރީން ހަދާފައިވާ ކަމަށެވެ. އެ ގަވާއިދުތައް ހޯދައިގެން ނޫނީ މި މައްސަލަ ކުރިއަށް ނުގެންދެވޭނެތީ، މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްގެން، ނުވަތަ ކޮމިޓީން ސިޓީ ފޮނުވައިގެން ނަަމަވެސް އެ މައުލޫމާތުތައް ހޯދަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާާޅުވީ، އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ފަތުރުވެރިން އުޅޭ ކަމަށްވަންޏާ ދިވެހި ރައްޔިތުން ޝަކުވާ ކުރާނެ ކަމަށެވެ. އަދި ގަވާއިދުތަކުގެ ބޭރުން ކަންކަން ހިނގާނަމަ އެކަން ހިނގާ ގޮތެއްގެ މައުލޫމާތު އޮޅުންފިލުވައިގެން އެކަމަށް ގޮތެއް ކަނޑައެޅުން މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ، އާއްމު އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭގޮތަށް އުޅޭނަމަ އެކަމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ހަރުކަށިކުރަން ޖެހޭ ކަމަށްވެސް ޕެޓިޝަންގައި ހިމެނޭ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރަން ހުރި ދަތިތަކަކީ ކޮބައިތޯ، ބަލައިގެން އާ ގާނޫނެއް ހަދަންޖެހޭނަމަ، ހަދައި ނުވަތަ އެކަންކަމަށް ހާއްސަ ޕޮލިހުން އުފައްދަންޖެހޭނަމަ އެކަންކަން ކުރުން މާރަނގަޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ކަންކަމަށް މަޝްވަރާކުރުމަށްފަހު، ޝަމީޒު ހުށަހެޅުއްވީ މިކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކުން ކަމާބެހޭ މައުލުމާތު އޮޅުން ފިލުވުމަށެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ އަބްދުއްލަތީފް މުހައްމަދެވެ.

އެ ހުށަހެޅުން ކޮމިޓީން ފާސްކުރިއެވެ.