ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސާއި މުސާރަ ނުލިބުނަސް އުޅެވިދާނެ ކަމަށާއި، ނަމަވެސް ދައުލަތް ހިންގުމުގައި ވަކި އޮނިގަނޑަކާއި އުސޫލުތަކެއް އޮންނާންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރު ސަލީމް މިހެން ވިދާޅުވީ މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލާ މަޖިލީހަަށް ހުށަހެޅި ޕެޓިޝަންގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ މަޖިލިސް މެންބަރުންގެ ސިއްހީ އިންޝުއަރެންސާ ގުޅޭގޮތުން ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދެކެވެމުންދާ ކަމަށެވެ.

އެގޮތުން ސަރުކާރުން މެންބަރެއްގެ ބޭސްފަރުވާއަށް މަހަކު ހޭދަކުރަނީ އެންމެ 2,000 ރުފިޔާ ނުވަތަ އަހަރަކަށް 24,000 ރުފިޔާކަން ފާހަގަކުރައްވައި، މިއީ ދައުލަތަށް އޮތް ބޮޑު ބުރައެއް ނޫން ކަމަށް ސަލީމް ވިދާޅުވިއެވެ.

މެންބަރުންނަށް ފަރުވާގެ ހަރަދު ލިބެނީ އިންޝުއަރެންސް ކުންފުނި މެދުވެރިކޮށް ކަމަށާއި، އާސަންދައިގެ ތެރެއަށް ވަދެއްޖެނަމަ ދައުލަތުން ކުރާން ޖެހޭ ހޭދަ މާ ބޮޑުވެގެންދާނެ ކަމަށްވެސް ސަލީމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ، ދައުލަތުގެ ތިން ބާރު ކަމަށްވާ ރައީސުލްޖުމްހޫރިއްޔާއާއި، މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރު ފަދަ އިސް މަގާމުތަކަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅިފައިވަނީ ހަމަޖެހިފައިވާ ހާއްސަ އުސޫލުތަކަކާއި އޮނިގަނޑެއްގެ ތެރެއިން ކަމަށެވެ. އާންމު ރައްޔިތުންނަށް ނުލިބޭ މުސާރައާއި އިނާޔަތްތައް ދައުލަތުގެ ވަޒީފާތަކާއި މަގާމުތަކުގައި ތިބޭ މީހުންނަށް ދިނުމަކީ ދެކޮޅު ނުޖެހޭ ކަމެއްގެ ގޮތުގައި ދެކި، އެ ތަކެތި އުނިކުރަން ވަކާލާތު ކުރުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް ސަލީމް ވިދާޅުވިއެވެ.