ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ދައުރު ނިމޭއިރު ވިލިމާލެ އޮންނާނީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތާއި، ވަޒީފާގެ ފުރުސަތުތަކާއެކު ތަރައްގީވެފައިކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ބިންގާ އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ މި ދައުރު ނިމޭއިރު މާލެއާއި ހުޅުމާލެއެކޭ އެއްފަދައިން ވިލިމާލެ ވެގެންދާނީ ފުރުސަތުތައް ތަނަވެސްވެފައި އޮތް ރަށަކަށް ކަމަށެވެ.
"އެ މަޝްރޫއުއާއެކު ވިލިމާލެވެގެން ދާނީ ފުރުސަތު އޮތް ތަރައްގީވެފައިވާ ރަަށަކަށް. ވަޒީފާއާއި ތައުލީމީ ފުރުސަތުތަކާއި ރަނގަޅު ފެންވަރުގެ ސިއްހީ ނިޒާމަކާއި ދިރިއުޅުމުގެ ގިނަކަންކަން ހަމަޖެހިފައިވާ ތަނަކަށް. މާލެއާއި ހުޅުމާލެއެކޭ އެއް ހަމައެއްގައި ފުރުސަތު ތަނަވެސްފައިވާ ރަށަކަށް" މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އާއިލާ ބޮޑުވެގެން އަންނައިރު ބޯހިޔާވަހިކަމެއް ނެތުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ވިލިމާލޭގެ ރައްޔިތުން ލޯނު ނަގައިގެން އެ މީހުން ގެތައް ހަދާފައިވާއިރު ކުއްޔަށް ދޭނެ ޖާގައެއް ގޭގައި ނެތް ކަމަށެވެ. ލިބޭ މުސާރައިން ލޯނު ދައްކަމުން އުޅެމުންދަނީ ދަތި ހާލަތެއްގައިކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ނަމަވެސް މިރޭ ބިންގާ އެޅިގެންދިޔަ ހައުސިން މަޝްރޫއުއާއެކު އެ ކަންކަމަށް ހައްލު ލިބިގެންދާނެކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"މިއީ ވިލިމާލޭގައި ދިރިއުޅޭ އާއިލާތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ރައީސުލްޖުމްހޫރިއްޔާ ގެނެސްދެއްވި މުހިންމު ބޮޑު ބަދަލެއް. މި ބަދަލާއެކު އެތައް ފުރުސަތެއް ވަނީ ހުޅުވިފައި. އެތައް ޖީލަކަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުސަތު މިވަނީ ހުޅުވިގެން ގޮއްސަ". މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިޔަށް ގެންދިއުމަށް ނިންމާ، ވިލިމާލޭގެ ގޯތިތަކުގައި 10 ފަންގިފިލާއަށް އިމާރާތްކުރަން ހުއްދަ ދިނުމަށް ސަރުކާރުން ނިންމުމުން، އެކަމަށް ފާޑުކީ ބަޔަކުވެސް ތިބި ކަމަށެވެ.
ސަރުކާރުން އެކަން އެގޮތަށް ނިންމީ ވިލިމާލޭގައި އިތުރުވަމުން އަންނަ އާބާދީއަށް ބަލައި، ކުރިއަށް އޮތް ޖީލުތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު