އެމެރިކާއާއި، އިޒްރޭލް އިސްވެ އީރާނަށް ދިން ވައިގެ ހަމަލާގެ ސަބަބުން މިހާރު އުފެދިފައިވާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ގޮސް އަދި މެދުއިރުމަތިން ރާއްޖެ އަންނަ ފުލައިޓުތައް މަދުވެ، ދައުލަތުގެ އާމްދަނީއަށް ނުރަނގަޅު އަސަރު ކުރަމުންދާތީ، ހަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް ހުއްޓާލާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ މިނިސްޓްރީތަކުން އެދުނު ނަމަވެސް އެ ބައްދަލުވުން އިންތިޒާމުކުރާ ފަރާތަކުން ހަރަދުކުރާ ދަތުރުތައް ފިޔަވައި އެހެން ހުރިހާ ދަތުރުތައް މިހާރު ހުއްޓާލާފައިވާ ކަމަށެވެ.
"ދެން ހުރި ދަތުރުތައް މަޝްވަރާ އަރުވަނީ އޮންލައިންކޮށް ބައިވެރިވުމަށް. އޮންލައިންކޮށް ބައިވެރިވެވޭ މީޓިންތަކުން އޮންލައިންކޮށް ބައިވެރިވުމަށް،" ޒަމީރު ވިދާޅުވިއެވެ.
ނަމަވެސް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތައް ކުރިއެކޭ އެއްގޮތަށް ކުރިއަށްގެންދިއުމަށް ހުރަހެއް ނެތްކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ސަރުކާރުގެ ބައެއް ކުންފުނިތަކަށް މުވައްޒަފުން ނެގުންވެސް މަޑުޖައްސާލުމަށް އަންގާފައިވާ ކަމަށެވެ. މިއަދުވެސް ބައެއް ކުންފުނިތަަކަށް މުވައްޒަފުން ނެގުން މަޑުޖައްސާލުމަށް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފަށާފައި ހުރި ޕްރޮޖެކްތްތަކަށް ނޫން ކަމުގައިވާ ނަމަ، ނުވަތަ ހިނގަމުންދާ ކަމަކަށް ނޫނީ ސަރުކާރު ހިންގުމަށްޓަކައި ބޭނުންވާ ބަޔަކު ނަގަން ޖެހިދާނެ. އެކަމަކު މިހާރު އަޅުގަނޑުމެން ވަރަށް ބޮޑަށް ރެސްޓްރިކްޓް ކުރަމުން މިދަނީ. މިއަދުވެސް ބައެއް ޕްރޮޖެކްޓްތަކަށް ބައެއް ވަޒީފާތަކަށް މީހުން ނަގަން ބޭނުން ވެގެން ބައެއް ކުންފުނިތަކުން ގުޅީމާވެސް އަޅުގަނޑު ބުނިން، އިހަށް މަޑު ކުރާށޭ، އިހަށް މަޑު ކުރާށޭ،" މޫސާ ޒަމީރު ވިދާޅުވިއެވެ.
ދައުލަތުގެ އާމްދަނީއަށް ނޭދެވޭ އަސަރެއް ކުރަމުންދާ މި ދަނޑިވަޅުގައި މުވައްޒަފުން ނެގުން އެހާ ރަނގަޅު ނޫން ކަމަށް ޒަމީރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު