ކަރަންޓު ބިލުތަކުގައި އެއްވެސް ޓެކްނިކަލް މައްސަލައެއް އުޅޭނަމަ އެކަން ހައްލުކޮށްދޭނެ ކަމަށާއި ނަމަވެސް މިވަގުތު ބިލުތަކަށް އިތުރު ޑިސްކައުންޓެއް ދިނުމުގެ ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އިޒްރޭލް އިސްވެ އޮވެ އިރާނަށް ދިން ވައިގެ ހަމަލާތަކުގެ މިހާރު ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، ނިމިދިޔަ ރޯދަ މަހު ގޭބިސީތަކަށް ލުއި ދިނުމުގެ ގޮތުން ފޮނުވާފައިވަނީ 400 ރުފިޔާގެ ބިލެއް ކަމަށެވެ.
އެހެންނަމަވެސް، ރޯދަ މަހަށް ފަހު ލިބުނު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާންމުން ހިއްސާކޮށްފައިވާ ބައެއް ބިލުތަކަށް ބަލާއިރު، ކުރިން 1،000 ރުފިޔާއަށް ވުރެ ކުޑަ ބިލުތައް މިފަހަރު ވަނީ 2،000 އާއި 3،000 ރުފިޔާއަށް ވުރެ މައްޗަށް އަރާފައެވެ.
އެކަމާ ގުޅޭގޮތުން ޒަމީރު އިތުރަށް ވިދާޅުވީ، ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯއާއި ފެނަކައިން މި ބަދަލު އައި ގޮތުގެ ތަފްސީލުތައް ހާމަކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ އަހަރެއްގެ ވެސް މާޗު މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވުމުން، ކަރަންޓު ބޭނުންކުރާ މިންވަރު 10 ޕަސަންޓާއި 15 ޕަސަންޓްއާ ދެމެދުގެ މިންވަރަކަށް އިތުރުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ބިލުތަކަށް މި މަހު އިތުރު ޑިސްކައުންޓެއް ދޭކަށް އަދި ސަރުކާރުގެ ޕޮލިސީއެއް ނެތް. ރޯދަ މަހު ވަރަށް ބޮޑު ލުޔެއް ލިބިފައި އޮތީ. ދެން އެއާ ޖެހިގެން މާޗު، އެޕްރީލަކީ އެންމެ ކަރަންޓު ހަރަދު ބޮޑު ދެ މަހަށް ވީމައާ ވެސް އެއްކޮށް އަޅުގަނޑަށް ހީވަނީ ބިލުތަކަށް ބަދަލު އައިސްފަ ހުރީ،" ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ބިލުތަކުގެ މައްސަލަ އެންވަޔަރަމަންޓް މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ހިދުމަތްދޭ ކުންފުނިތަކުން އެއްވެސް ޓެކްނިކަލް މައްސަލައެއް އުޅޭނަމަ އެކަން ހައްލުކޮށްދޭނެ ކަމަށެވެ.
މުހައްމަދު އިޝާން
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު