ލިވަޕޫލްގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ މުހައްމަދު ސަލާހް، އެ ކްލަބު ދޫކޮށްލަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.

ސަލާހް، 33، ލިވަޕޫލާ ގުޅިފައި ވަނީ 2017 ވަނަ އަހަރުއެވެ. އެއީ އޭއެސް ރޯމާއިންނެވެ. އޭގެފަހުން މިދިޔަ ދުވަސްތަކުގައި ސަލާހަކީ އެ ކްލަބަށް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. އެ ކްލަބަށް ކުޅުނު 435 މެޗުގައި ސަލާހް ވަނީ 255 ގޯލް ކާމިޔާބު ކޮށްދީފައެވެ. އޭނާއަކީ ކްލަބު ތާރީހުގައި ތިންވަނައަކަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. ސަލާހް ވަނީ ޕްރިމިއާ ލީގުގެ ރަން ބޫޓު، ހަތަރު ފަހަރަކަށް ހޯދައިފައެވެ.

ސަލާހާއެކު ލިވަޕޫލުން ވަނީ ޕްރިމިއާ ލީގުގެ ދެ ތަށި ހޯދައި، ޗެމްޕިއަންސް ލީގުގެ އިތުރުން ބޮޑެތި އިތުރު މުބާރާތްތައްވެސް ކާމިޔާބު ކޮށްފައެވެ.

މިދިޔަ ސީޒަނުގެ ތެރޭގައި ސަލާހާއި ލިވަޕޫލް ކޯޗާ ދެމެދު މައްސަލަތަކެއް ދިމާވެފައިވާ އިރު، އެ މައްސަލަ ހައްލުކުރީ ސަލާހް، އެފްރިކާ ކަޕް އޮފް ނޭޝަންސްއަށް ދިޔުމަށްފަހުއެވެ. އޭގެފަހުންވެސް ސަލާހް ކުޅެފައިވާ އިރު، އޭނާ އިއްޔެ ޕޯސްޓް ކުރި މެސެޖުގައި ބުނީ ލިވަޕޫލަކީ އަބަދުވެސް އޭނާގެ ކެރިއަރުގެ މުހިއްމު ބަޔަކަށް ވާނެ ކަމަށެވެ.

ސަލާހް ބުނީ ލިވަޕޫލަކީ ހަމައެކަނި ކްލަބެއް ނޫން ކަމަށާއި، އެއީ ޕެޝަންގެ އިތުރުން ތާރީހާ ގުޅިފައިވާ ތަފާތު ރޫހެއްގެ ކްލަބެއް ކަމަށެވެ. އޭގެ އިތުރުން އެ ކްލަބާއެކު ހޯދި ކާމިޔާބީ އަބަދުވެސް ދެމިގެންދާނެ ކަމަށް ސަލާހް ބުންޏެވެ.

މިސްރުގެ ތަރި ސަލާހް ބުނީ ސީޒަނަށްފަހު ކްލަބު ދޫކޮށްލާނެކަން އަވަހަށް އިއުލާނުކުރީ ސަޕޯޓަރުންނަށް އަވަހަށް ކަންކަން ސާފުކުރުމަށެވެ.