ރާއްޖޭގައި މިއަދު ފެށި ސާފް 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި ސްރީ ލަންކާއިން ރާއްޖެ ބަލިކޮށްފައެވެ.

މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ލަންކާއިން ރާއްޖެ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން ދެ ގޯލް ޖަހައިދީ ލީޑެއް ނަގައިދިން ނަމަވެސް، ފަހު ހާފުގައި ލަންކާއިން ވަނީ ރާއްޖެ ކޮޅަށް ތިން ގޯލް ޖަހައި، މެޗު އަނބުރާލައިފައެވެ.

މިއީ ސާފްގެ އުމުރުފުރާ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ބޫޓާން އަތުން ނޭޕާލް ވަނީ 2-1 އިން މޮޅުވެފައެވެ.

ފުރަތަމަ ކޮޅުގައި ސްރީ ލަންކާއިން ނުރައްކާ ކުރި ނަމަވެސް، ރާއްޖޭގެ ޑިފެންޑަރުންގެ އިތުރުން ކީޕަރު ޒަހްރާން ހަސަން ޒިޔާދު ރަނގަޅަށް ކުޅެ ގޯލެއް ވަނަ ނުދީ ހިފެހެއްޓިއެވެ. އޭގެފަހުން ރާއްޖޭން ގޭމް ތެރެއަށް ވަދެ، ނުރައްކާ ކުރަން ފެށިއެވެ.

ނަތީޖާއެއްގެ ގޮތުން 28 ވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. ރާއްޖޭގެ ހާފުގެ ތެރެއިން، އަހުމަދު މިކްޔާލް މުއީން (މިކީ) ބޯޅަ ހޯދައި، އޭނާ ދުއްވާލި ބޯޅައިގައި އިލާން ވަނީ ލަންކާގެ ކީޕަރު ޝާތިން ޝަހީދުގެ ކައިރިން ނައްޓާލައި، ހަނި އެންގަލްއަކުން ބޯޅަ ގޯލަށް ވައްދާލައިފައެވެ.

23 މާޗު 2026، މާލެ، ސާފް 20 އަހަރުން ދަށު މުބާރާތުގައި ރާއްޖޭން ސްރީ ލަންކާއާ ވާދަކުރި މެޗުގެ ތެރެއިން އިލާން ގޯލް ޖަހައި އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ލަންކާ ކީޕަރި ޝާތިންއަށް ލިބުނު އަނިޔާއެއްގައި އޭނާ ބަދަލުކުރަން ޖެހިފައިވާ އިރު، ބަދަލަކަށް ކުޅެން ނުކުތީ ނަޑާލް ސެނަޕާލާއެވެ. ހާފު ނިމެން ދަނިކޮށް އިލާން ދެވަނަ ގޯލް ޖެހީ އޭރިއާ ތެރެއަށް ދިޔަ ބޯޅައެއް ކީޕަރު އަތުން ގެއްލުމުގެ ފައިދާ ނަގައިގެންނެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 46 ސިކުންތު ތެރޭގައި ލަންކާއިން ގޯލް ޖެހިއެވެ. އޭރިއާ ބޭރުން މުހައްމަދު ކަތީމް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޒަހްރާން އަތުގައި ޖެހިފައެވެ. އޭގެފަހުން ލަންކާއިން ކުޅުން ރަނގަޅުކޮށް، 62 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖެހިއެވެ. އެގޯލްވެސް ޖެހީ ކަތީމެވެ.

ލަންކާ އިން ނަތީޖާ އަނބުރާލީ 88 ވަނަ މިނިޓްގައި ކާމިޔާބުކުރި ޕެނަލްޓީންނެވެ. އެއީ އޭރިއާ ތެރެއިން ކީޕަރު ޒަހުރާން ލަންކާގެ ކަތީމަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އެ ޕެނަލްޓީ ކާމިޔާބުކުރީ ޓީމުގެ ކެޕްޓަން ހުސެއިން އަބްދުﷲ އެވެ.

ރާއްޖޭން މެޗު އެއްވަރުކުރަން ކުރި މަސައްކަތުގައި އިލާންގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވެފައިވާ އިރު، ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި މާދަމާ ހަވީރު އޮތީ ބަންގްލަދޭޝް އާއި ޕާކިސްތާން ކުޅޭ މެޗެވެ. ގްރޫޕް އޭގެ ދެ ވަނަ މެޗުތައް އޮތީ ބުދަ ދުވަހުއެވެ. ނޭޕާލުން ބުދަ ދުވަހު ހަވީރު ސްރީ ލަންކާއާ ބައްދަލުކުރާ އިރު، ބޫޓާނުން ދެވަނަ މެޗުގައި ބުދަ ދުވަހުގެރޭ ރާއްޖެއާ ކުޅޭނެއެވެ.