ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބަލަން ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ވޯޓު ކަރުދާސްކޮޅު އޮންނަ ގޮތް އިލެކްޝަންސް ކޮމިޝަނުން ދައްކާލައިފިއެވެ.
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ބޭނުން ކުރާ ވޯޓް ކަރުދާސްކޮޅުތަކުގެ ނަމޫމާތައް އީސީން ވަނީ އިއްޔެ އާއްމުކޮށްފައެވެ.
ދެ އިންތިހާބުގެ ވޯޓް އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނަގާ ވޯޓު ކަރުދާހުގައި ސުވާލެއްގެ ގޮތުގައި އޮތީ ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުން މަޖލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުން މަޖިލީހުން ފާސްކުރައްވާފައިވާ "ގާނޫނު އަސާސީއަށް 8 ވަނަ އިސްލާހުގެ ގެނައުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ފެނޭ ހެއްޔެވެ. މިހެންނެވެ. ތިރީގައި "އާއެކޭ" ނުވަތަ "ނޫކެނޭ" ދެ އިހުތިޔާރު ދީފައިވެއެވެ.
އެ ކަރުދާހުގައި ގާނޫނު އަސާސީއަށް ގެނައި އިސްލާހުވެސް ލިޔެފައިވެއެވެ. އެ އިސްލާހުގައި ވަނީ ދެން އަންނަ މަޖިލީހެއް އިންތިހާބުކުރާނީ ޑިސެމްބަރު 1 ވަނަ ދުވަހުން ކަމަށެވެ.
މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އިދިކޮޅު މައި ޕާޓީ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން ތާއީދުކޮށްފައިވާއިރު، އެ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަައެއްވެސް ވަނީ ވަކީލުންތަކެއް ހުށަހަޅައިފައެވެ.
އީސީން ބުނެފައިވާ ގޮތުގައި މި އިންތިހާބުގައި ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.
އަލީ ޔާމިން

އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން