ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފ. އަތޮޅު ފައިނަަލަށް ނިލަންދޫ ދަތުރުކުރި އިރު، އެންމެފަހުގެ ޗެމްޕިއަން ދަރަނބޫދޫންވެސް އުންމީދެއް ހޯދައިފިއެވެ.

ފ. އަތޮޅުން މިފަހަރުވެސް ފަސް ޓީމަކުން ވާދަކުރަމުންދާ އިރު، ނިލަންދޫ އަތޮޅު ފައިނަލް ޔަގީންކުރީ ކުޅުނު ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓާއެކުގައެވެ. އެ އަތޮޅު ލީގު ބުރުގެ ދެވަނައިގައި އޮތީ ނިލަންދޫ ކައިރިން ރޭ ބަލިވި މަގޫދުއެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ.

ބިލެއްދުއާއި ދަރަނބޫދުއަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ދަރަނބޫދޫ ފަހު މެޗުގައި ނުކުންނާނީ ނިލަންދުއާ ދެކޮޅަށެވެ. މަގޫދޫ ނުކުންނާނީ ބިލެއްދުއާ ދެކޮޅަށެވެ. މަގޫދުއަށް ބިލެއްދޫ ބަލިކޮށްގެން އަތޮޅު ޔަގީން ކުރެވޭ އިރު، ބިލެއްދުއަށްވެސް އެ ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް ބިލެއްދުއަށް ފުރުސަތު ޔަގީން ކުރެވޭނީ ދަރަނބޫދޫން ނިލަންދޫ ކައިރިން ނެރޭ ނަތީޖާއަކަށްވެސް ބަލައިގެންނެވެ. ދަރަނބޫދުއަށް ފުރުސަތު އޮތީވެސް އަނެއް މެޗުން މަގޫދޫ ބަލިވެގެންނެވެ. އެއީ ހަނި ފުރުސަތެކެވެ. އެ ޓީމުން ގިނަ ގޯލުތަކެއް ޖަހަން ޖެހޭ ހާލަތެކެވެ.

ނިލަންދޫން ރޭ މަގޫދޫ ބަލިކުރީ 4-1 އިންނެވެ. އެ މެޗުގައި ނިލަންދޫގެ އަހުމަދު ރިޒުވާން އިސްމާއީލް ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖެހީ ހަސަން ރާއިދާއި ޝަހުދާން އަބްދުލް ގަނީއެވެ. މަގޫދޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު އަލްޔާން އަބްދުﷲއެވެ.

ކަޓާފައި އޮތް ފީއަލި ކައިރިން ދަރަނބޫދޫ 4-2 އިން މޮޅުވި އިރު، ދަރަނބޫދޫގެ ގޯލުތައް ޖެހީ މަހްފޫޒު އުމަރާއި މުއައްލިމް އުމަރު، ސާއިން އަލީ އަދި ރަޔާން ރިޔާހެވެ. ފީއަލީގެ ދެ ގޯލުވެސް ޖެހީ މާހިލް އަހުމަދެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިއަދު ހަވީރު އޮންނަ މެޗުތައް

16:00 ނ. ވެލިދޫ - ނ. ހޮޅުދޫ

16:00 ރ. އަލިފުށި - ރ. ދުވާފަރު

17:00 ރ. އިނގުރައިދޫ - ރ. ފައިނު

17:00 ނ. ހެނބަދޫ - ނ. މާޅެންދޫ

މިރޭ އޮންނަ މެޗުތައް

20:00 ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ

20:00 ބ. ދަރަވަންދޫ - ބ. އޭދަފުށި

21:00 ކ. ގާފަރު - ކ. ކާށިދޫ (އަތޮޅު ސެމީ)

21:00 ކ. ދިއްފުށި - ކ. މާފުށި (އަތޮޅު ސެމީ)

22:00 އއ. މާޅޮސް - އއ. ހިމަންދޫ

22:00 އއ. ބޮޑުފޮޅުދޫ - އއ. މަތިވެރި

23:00 ގއ. ކަނޑުހުޅުދޫ - ގއ. ވިލިނގިލި (އަތޮޅު ސެމީ)

23:00 ގއ. ދެއްވަދޫ - ގއ. ގެމަނަފުށި (އަތޮޅު ސެމީ)