ކުރިއަށް އޮތް ވޯލްޑް ކަޕްގައި އީރާނުން ކުޅެން ޖެހޭ މެޗުތައް އެމެރިކާއިން މެކްސިކޯއަށް ބަދަލުކޮށްދިނުމުގެ މަޝްވަރާތަކެއް ކުރިއަށް ދިޔަ ނަމަވެސް، އެކަމާ ދެކޮޅު ކަމަށް ފީފާއިން ބުނެފިއެވެ.

މިއަހަރުގެ ވޯލްޑް ކަޕް ޖޫންގައި ފަށަން ތައްޔާރުވެފައިވާ އިރު، މުބާރާތް އޮންނާނީ އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގައެވެ.

އެމެރިކާއާއި އިޒްރޭލް އިސްވެގެން ފެށި ހަމަލާތަކުގެ ސަބަބުން ހަނގުރާމައެއް ފެށިފައިވާ އިރު، އީރާނުން ވަނީ އެމެރިކާގައި ހޯސްޓް ކުރާ މެޗުތަކެއް ކުޅުމަށް ވޯލްޑް ކަޕަށް ދާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ، އެމެރިކާގެ ހަމަލާތަކުގައި އީރާންގެ ކުރީގެ ރޫހީ ލީޑު، އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލާފައިވުމެވެ. އަދި ކުޑަކުދީންނާއި އަންހެނުންނަށް އަމާޒުކޮށް، ލާއިންސާނީ ހަމަލާތަކެއް އެމެރިކާއިން ދީފައިވުމެވެ.

އީރާނަކީ މިއަހަރުގެ ވޯލްޑް ކަޕަށް އެންމެ ކުރިން ކޮލިފައިވި ޓީމެވެ. އެޓީމު ހިމެނެނީ ގްރޫޕް ޖީގައެވެ. އެއީ ބެލްޖިއަމް، މިސްރު އަދި ނިއު ޒީލެންޑާ އެކުގައެވެ. އެ ގްރޫޕުގައި އީރާން ކުޅޭ ތިން މެޗުވެސް ކުޅެން ޖެހެނީ އެމެރިކާގެ ސިޓީތަކުގައެވެ.

އެގޮތުން ނިއު ޒީލެންޑާ ދެކޮޅަށް ޖޫން 16 ގައި ކުޅެން ޖެހޭ މެޗާއި، ބެލްޖިއަމާ ދެކޮޅަށް ޖޫން 21 ވަނަ ދުވަހު ކުޅެން އޮތް މެޗުވެސް އޮންނާނީ ލޮސް އެންޖެލެސްގައެވެ. އީރާނުން ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި މިސްރާ ދެކޮޅަށް ޖޫން 27 ގައި ނުކުންނަން ޖެހޭނީ ސިއަޓެލްގައެވެ.

އީރާނުން މެޗުތައް މެކްސިކޯއަށް ބަދަލުކޮށްދޭން ފީފާގައި އެދިފައި ވަނީ، އެ ގައުމުގެ ފުޓުބޯޅަ ޓީމަށް ހިމާޔަތް ދެވޭނެކަމުގެ ޔަގީންކަން ނެތް ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައިވުމުންނެވެ.

އެކަމުގެ މަޝްވަރާތައް އީރާންގެ ފުޓުބޯޅަ އިދާރާއާއި ފީފާއާއި ދެމެދު ކުރެވުނު ނަމަވެސް، ފީފާއިން ނެރުނު ބަޔާނެއްގައި ބުނީ އެ އިދާރާއިން ބޭނުންވަނީ ތާވަލާ އެއްގޮތަށް މެޗުތައް ގެންދަން ކަމަށާއި، އެގޮތަށް ގަބޫލު ނުވާ ޓީމުތަކަށް ފުރުސަތު ދޭން އުނދަގޫވާނެ ކަމަށެވެ.

ފީފާއިން އެ ބަޔާނުގައި ބުނީ މުބާރާތަށް ކޮލިފައިވެފައިވާ ހުރިހާ ގައުމަކާވެސް އަބަދުވެސް ގާތުން މަޝްވަރާ ކުރަމުންދާނެ ކަމަށާއި، އުންމީދަކީ ތާވަލާ އެއްގޮތަށް ވޯލްޑް ކަޕް ކުރިއަށް ގެންދެވުން ކަމަށެވެ.