ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ހިންގާ ކޮމިޓީގެ މަގާމުގައި ހުރި ސޮފްވާން އަހުމަދު އެމަގާމުން ވަކިކޮށް، އޭނާއަށް ދީފައިވާ އަދަބު މުޅި އުމުރަށް ދީފައިވާ ސަސްޕެންޝަނަކަށް ބަދަލުކުރަން ވީއޭއެމް ހާއްސަ އާންމު ޖަލްސާގައި ނިންމައިފިއެވެ.
ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗުކަމުގައި ކުރިން ހުރި ސޮފްވާންގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް މިހާރު ދަނީ ފުލުހުންވެސް ތަހުގީގުކުރަމުންނެވެ.
ދެހާސް ސައުވީސް ވަނަ އަހަރު ބޭއްވި ކާވާ މުބާރާތުގައި އަންހެން ޓީމަށް އިރުޝާދު ދިން ސޮފްވާންގެ މައްސަލައެއް މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި ވީއޭއެމްއިން ވަނީ ބަލަން ފަށައިފައެވެ. އެ މައްސަލަ ވީއޭއެމްއިން ބެލީ ފަސް މެމްބަރުންގެ ކޮމިޓީއަކުންއެވެ. މައްސަލަ ބެލުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް ނަގައި، ވީއޭއެމް އެތެރޭގެ މައްސަލައެއްގެ ގޮތުގައި ބަލާފައިވާ އިރު، އެ ކޮމިޓީގެ ރިޕޯޓަށް ބިނާކޮށް ވީއޭއެމްއިން ވަނީ ސޮފްވާނަށް ކުރިންވެސް ފިޔަވަޅު އަޅައިފައެވެ. އެގޮތުން ހެޑް ކޯޗުގެ ކަމުގެ މަގާމުން ސޮފްވާން ވަކިކުރުމަށާއި، އެފަދަ މަގާމަކަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އޭނާ އައްޔަން ނުކުރެވޭނެ ގޮތަށް ސަސްޕެންޑް ކޮށްފައިވެއެވެ.
އެ މައްސަލަ އެޑްހޮކް ކޮމިޝަނަކުން ބަލައި ރިޕޯޓް އެކުލަވާފައިވާ އިރު، ވީއޭއެމްގެ ހާއްސަ އާއްމު ޖަލްސާގައި އެ ރިޕޯޓް ބަލައި ގަނެ، އެކަމާ ގުޅޭ ގޮތުން ފިޔަވަޅު އަޅަންވެސް ނިންމާފައިވެއެވެ.
ވީއޭއެމްގެ ފުރިހަމަ މެމްބަރު ނުވަ ކްލަބަކާއި ވަގުތީ މެމްބަރު 12 ކްލަބަކާއި އެކަޑަމީ މެމްބަރު އެއް ކްލަބާއި އެސޯސިއޭޓް މެމްބަރު އެއް ކްލަބް ބައިވެރިވި ހާއްސަ ޖަލްސާއިން ނިންމާފައި ވަނީ ސޮފްވާން، ހިންގާ ކޮމިޓީގެ މެމްބަރުގެ މަގާމުން ވަކިކުރަން ނިންމައި، ވީއޭއެމްގެ އެއްވެސް މަގާމަކަށް ސޮފްވާން ކުރިއަށް އޮތް ފަސް އަހަރަށް ހަމަނުޖައްސާށެވެ.
އެގޮތުން، ވީއޭއެމްގެ މެމްބަރުންގެ ތެރޭގައި ހިމެނޭ އެއްވެސް ކުލަބެއްގެ ހިންގާ ކޮމިޓީގައި ސަފްވާން ހިމެނިފައިވާނަމަ، އެކުލަބެއްގެ ހިންގާ ކޮމިޓީން ސަފްވާން ވަކިކުރުމަށް ވަނީ 60 ދުވަހުގެ މުހުލަތެއް ދީފައެވެ. އަދި، އެ މުއްދަތުގެ ތެރޭގައި އެފަދަ ކުލަބެއްގެ ހިންގާ ކޮމިޓީން ސޮފްވާން ވަކިކޮށް، އޭނާ އެ ކުލަބުގެ ހިންގާ ކޮމިޓީން ވަކިކުރިކަން ބަޔާންކޮށް ކޮމިޝަނާ އޮފް ސްޕޯޓްސް ދޫކޮށްފައިވާ ލިޔުން ވީއޭއެމްއަށް ހުށަހެޅުމަށް ވަނީ އަންގައިފައެވެ.
އެލިޔުން ބަޔާންކޮށްފައިވާ މުއްދަތުގައި ވީއޭއެމް ހުށަނާޅައިފިނަމަ، އެކުލަބެއް ވީއޭއެމްގެ ދަފްތަރުން އުނިކުރާ ގޮތަށް ނިންމާފައިވާ އިރު، މިފަދަ ގޮތަކަށް އުނިކުރެވޭ ކުލަބަކަށް ވީއޭއެމްގެ މެމްބަރުކަން ލިބޭނީ މީލާދީ ދެއަހަރު ފަހުން ކަމަށްވެސް ވަނީ ނިންމައިފައެވެ.
ވީއޭއެމްގެ ބަޔާނުގައި އިތުރަށް ބުނީ ވީއޭއެމްއިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާ އެކުވެސް ސޮފްވާން، ވޮލީގެ މަސައްކަތްތަކުގައި އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށާއި "އެފަދަ މީހެއްގެ ކިބައިން ކުޅުންތެރިން ސަލާމަތްކުރުމަކީ ވަރަށް މުހިއްމު ކަމެއް" ކަމަށެވެ.
އެހެންކަމުން ސޮފްވާން މުޅި އުމުރަށް ވޮލީބޯޅަ ހަރަކާތްތަކުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިނުވެވޭގޮތަށް ހަމަޖެއްސުމަށް ވީއޭއެމްއިން ވަނީ ނިންމައިފައެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް