ރާއްޖެއިން ބޭރު ހިމެނޭހެން ބައެއް ސަރަހައްދުތަކުގައި ވޯޓުފޮށި ނުބެެހެއްޓީ 500 މީހުން ވޯޓުލާން ރަޖިސްޓްރީވެފައި ނެތުުމުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ޓީވީ ޕްރޮގްރާމްގައި އީސީގެ ރައީސް މުހަމަދު ޒާހިދު ވިދާޅުވީ ރާއްޖެއިން ބޭރުގެ ގައުމުތައް ހިމެނޭހެން، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އިންތިހާބުތަކަށް ރަޖިސްޓްރީވާން ހުޅުވާލުމުން ރަޖިސްޓްރީ ވީ ވަރަށް މަދު ބަޔަކު ކަމަށެވެ.
"ބޭރުގައި ދިރިއުޅޭ ރައްޔިތުން ވޯޓުލުމަށްޓަކައި މިހާތަަނަށް އަމަލުކުރަމުން އަންނަގޮތަކީ ރާއްޖެއިން ބޭރުގައާއި ރިސޯޓުތަކުގައާއި ސިނާއީ ސަރަހައްދުތަކުގައި ވޯޓު ފޮށި ބަހައްޓަން އީސީން ނިންމަނީ، މާޒީގައި އެތަންތަނުގައި ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލުމުން، ރަޖިސްޓްރީ ވެ ވޯޓުލާން އަންނަ ދުވަހު، ވޯޓުލާ މީހުންގެ އަދަދާއި ސްޓެޓިސްޓިކްތަކެއްގެ މައްޗަށް ކަނޑައެޅިގެން، ރާއްޖެއިން ބޭރުގަ ކިތައް ވޯޓުފޮށި ބެހެއްޓިއްޔާތޯ އެކަން ކުރާނީ، އެގޮތުން މިފަހަރުވެސް އެހެން، ރިސޯޓުތަކުގަ ވެސް އެގޮތަށް، ސިނާއީ ސަރަހައްދުތަކުގަވެސް އެގޮތަށް، އަޅުގަނޑުމެން އިއުލާނުކުރީމަ، ރަޖިސްޓްރީއެއް ނުކުރޭ، ރަޖިސްޓްރީ ނުކުރީމަ، ރާއްޖެއިން ބޭރުގަވެސް، ބައެއް ސިނާއީ ސަރަހައްދުތަކުގައިވެސް އަދި ބައެއް ރިސޯޓުތަކުގައިވެސް ވޯޓުފޮށި ބެހެއްޓޭގޮތް ނުވީ." ޒާހިދު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ދިރުއުޅޭ ދިވެހީންގެ އަދަދު އީސީއަށް ޔަގީން ނުވާ ކަމަށް ވެސް ޒާހިދު ވިދާޅުވިއެވެ. އެހެންކަމުން މިފަހަރު، އީސީން މިންގަނޑެއް ކަނޑައަޅައި އެ މިންގަނޑަށް ފެތޭގޮތަށް ރަޖިސްޓްރީ ކުރަން މުއްދަތެއް ދީގެންވެސް އެކަން ކަށަވަރު ވާ ވަރަށް ފުރިހަމަ މައުލޫމާތު ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިންތިޒާމުތަކެއް ހަމަޖެއްސެނީ އެމީހާޔަށް އެ ވޯޓުލާއިރު، ހާއްސަކޮށް ލޯކަލް ކައުންސިލް އިންތިހާބުގައި، މަދުންލީމަ، ހާއްސަކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަަރާތްތަކުގެ ސައްހަކަން ގެއްލޭ ހިސާބަށްވެސް އެބަދޭ. އެހެންވީމަ އެޔަށްވެސް މިފަހަރު މިންގަނޑެއް ކަނޑައަޅައި އެ މިންގަނޑަށް ފެތޭގޮތަށް ރަޖިސްޓްރީ ކުރަން މުއްދަތެއް ދީގެން އެކަންކުރީ." ޒާހިދު ވިދާޅުވިއެވެ.
ނަމަވެސް ލަންކާ ފަދަ ގައުމުތަކުންވެސް 500 މީހުންގެ އަދަދަށްވެސް ރަޖިސްޓްރީވެފައި ނުވާކަން ފާހަގަކުރައްވަމުން ޒާހިދު ވިދާޅުވީ އެ ގައުމުތަކުގައި 1000 ދިވެހި ރައްޔިތުން އުޅޭ ކަމަށް އީސީން ދެނެގަނެވިފައިވާ ކަމަށެވެ.
"އެހެންވީމަ ރައްޔިތުން ބޭނުންވާކަމެއް، ރައްޔިތުން ބޭނުންވާ ގޮތަކަށް ކުރެވޭތޯ. އަދި އެކުރާކަމެއްގައި ގާނޫނީ ގޮތުންނާއި އެެހެނިހެން ގޮތްގޮތުން އޭގެ ނަތީޖާއަކީ ކޮބައިތޯ ބަލައިގެން އަބަދުވެސް އިލެކްޝަން ކޮމިޝަނުން އެކަން ކުރަނީ." ޒާހިދު ވިދާޅުވިއެވެ.
އެގޭ އިތުރުންވެސް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ވޯޓުލާން އަދި ބޭނުން ނުވިޔަސްވެސް ގައުމީ ފެންވަރެއްގައި، ގައުމުގެ ކަންތައް ޑިސައިޑް ކުރުމުގައި ނަގާ ފެންނަ ނުފެންނަ ވޯޓަށް ރަޖިސްޓްރީ ވުމަށް ހުޅުވާލުމުންވެސް ރަޖިސްޓްރީ ވި މީހުންގެ އަދަދު ދަށްކަމަށްވެސް ޒާހިދު ފާހަގަކުރެއްވިއެވެ.
"އެ މަރުހަލާ ނުނިމި އުޅެނިކޮށް ރެފަރެންޑަމްގެ ކަންތައް، ރެފަރަންޑަމްޑަމްގައި އަދި އިތުރަށް ތިބެދާނެތޯ. މިސާލަކަށް ވޯޓަަކަށް ވާތީ އެކަމަށް އިތުރަށް މީހުން ރަޖިސްޓްރީ ކުރަން ބޭނުންވެދާނެ ކަމަށް ގަބޫލު ކުރެވޭތީ، އެޔަށްވެސް އިތުރު މުއްދަތެއް އަލުން ދިނީ ރަޖިސްޓްރީ ކުރަން، ރާއްޖެއިން ބޭރުގައިވެސް، ހުރިހާ ތަނެއްގައިވެސް، ދިނީމަ، އެގޮތަށް ދިން ފުރުސަތުގައިވެސް ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުނީމަ، ކަނޑައެޅޭ އަދަދަށް ވޯޓުލާފައެއް ނެތް." އީސީގެ ރައީސް ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން