ވޯޓުލާދުވަހު އިލެކްޝަން ކޮމިޝަން (އީސީ)ގެ 7000 މުވައްޒަފުން މަސައްކަތްކުރާނެ ކަމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްގެ ރޭގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ޒާހިދު ވަނީ ކުރިއަތް އޮތް އިންތިހާބުތަކަށް ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

ޒާހިދު ވިދާޅުވީ ވޯޓުލާދުވަހު މަރުކަޒުތަކަށް ބޭނުންވާ ވަރަށް އޮފިޝަލުން ލިބިފައިވާކަމަށާއި އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކުރިއަތް ގެންގޮސްފައިވާކަމަށެވެ.

"ގާތްގަނޑަކަށް 6000، 7000 އާ ގާތްކުރާ އަދަދެއް، އަޅުގަނޑުމެންގެ ތެރެގައި ބައިވެރިވެގެންދާނެ، އެ މަސައްކަތުގައި އެދުވަހު އުޅޭނެ، ހަތަރު ވަނަ ދުވަހު ގާތްގަނޑަަކަށް އެހާ މުވައްޒަފުން އުޅޭނެ. އުންމީދުކުރަނީ މަސައްކަތް ނިމެންދެން ހުރިހާ ސްޓާފުން، އެދުވަހު އީސީގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާނީ." ޒާހިދު ވިދާޅުވިއެވެ.

އަންނަމަހުގެ ހަތަރެއްގައި ތިން ކަމަކަށް ވޯޓުނަގަން ވަނީ ނިންމައިފައެވެ. އެއީ ލޯކަލްކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބާއި އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމުވޯޓެވެ.

އެޕްރީލް 4 ވަނަ ދުވަހު ނަގާ ހިޔާލު ހޯދުމުގެ ވޯޓާއެކު ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މިފަހަރު އިތުރުވާނެ ކަމަށް ބެލެވޭކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.

ވޯޓުލާން ދާ ކޮންމެ މީހަކަށް ވަކި ތިން ކަރުދާސްކޮޅު ދޭނެއެވެ. ވޯޓު ކަރުދާސްތައް ލުމަށް ވަކިން ތިން ފޮށި ބަހައްޓާފައި ހުންނާނެއެވެ. ކޮންމެ ވޯޓު ކަރުދާސްކޮޅެއްގައި ފެންނަ އެއްތަނެއްގައި ފާހަގައެއް ޖެހުމަށްފަހު ވޯޓު ކަރުދާސްކޮޅު ފަތްޖެހުމަށް ފަހު ކަނޑައެޅިފައިވާ ރަނގަޅު ވޯޓު ފޮއްޓަށް ވޯޓު ކަރުދާސްކޮޅު ލުމަށް އީސީން ވަނީ އެދިފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ހިޔާލު ހޯދުމުގެ ވޯޓަށް ރަޖިސްޓްރީ ވެފައިވާ މީހުންގެ ދާއިމީ ލިސްޓްވެސް މިހާރު ވަނީ އާންމުކޮށްފައެވެ.