ގްރޫޕް ހަދައިގެން އަންހެނަކު ރޭޕްކޮށް، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އަނިޔާ ލިބުނު ފަރާތްތަކުގެ ކަރާމާތަށް އުނިކަން އަތުވެދާނެފަދަ ޒާތީ މައުލޫމާތު ނުފެތުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފިއެވެ.

އެޗްއާރްސީއެމުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިންގާފައިވާ އަނިޔާވެރި އަމަލާ ގުޅުވައި ސޯޝަލް މީޑިއާ އަދި ނޫސްތަކުގައި މައުލޫމާތު އާންމު ކުރުމުގައި، އަނިޔާ ލިބުނު ފަރާތްތަކުގެ ކަރާމާތަށް އުނިކަން އަތުވެދާނެފަދަ ޒާތީ މައުލޫމާތާއި އެފަރާތްތައް އިތުރަށް އަނިޔާއަށް ހުށަހެޅިގެން ހިނގައިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް ދައުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"އަދި މި މައްސަލަ އަވަހަށް ތަހުގީކޮށް، އެ އަނިޔާވެރި އަމަލު ހިންގި ފަރާތްތައް ޝަރީއަތަށް ހުށަހެޅުމަށް ގޮވާލަން" އެޗްއާރްސީއެމުން ބުންޏެވެ.

މިއީ މިދިޔަ ހޯމަ ދުވަހު ރިޕޯޓް ކުރި މި މައްސަލައިގައި 22 އަަހަރުގެ ދިވެހި އަންހެނަކަށް ގްރޫޕަކުން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެކަކު އެދުވަހު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި މި މައްސަލައިގައި މިހާތަނަށް ނުވަ ދިވެހި ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ.

އޭގެ އިތުރުން، އެ މައްސަލައިގެ ތަހުގީގަށް މާލޭން ހާއްސަ ޓީމެއް ވެސް ހާދިސާ ހިނގައިގެން އުޅޭ ރަށަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކުޑަކުދިންތަކަށްވެސް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ފެންމަތިވީ، އެ އަންހެން މީހާއަށް ގްރޫޕަކުން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ތެރެއިންނެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.