މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑުގެ ތެރެއިން އިތުރުވި އަދަދުތައް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގެ ހިއުމަންރައިޓްސް ކޮމިޝަނަށް ހިމަނާފައިވާ ބަޖެޓަށް އިތުރުކޮށްދިނުމަށް އެ ކޮމިޝަނުން މިއަދު ބަޖެޓު ކޮމިޓީގައި އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގެ މިއަދުގެ ބައްދަލުމުގައި، އެ ކޮމިޝަނަށް ކަނޑައެޅި ބަޖެޓްގައި ހުރި ކަންބޮޑުވުންތައް ފާހަގަ ކުރައްވައި ކޮމިޝަންގެ ރައީސާ ޑރ. އައިޝަތު ރަމީލާ ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި އެ ކޮމިޝަނަށް ހިމަނާފައިވާ ބަޖެޓް އޮތީ އެ ކޮމިޝަނުން އެދުނު ވަރަށްވުރެ ބޮޑުތަނުން މަދުކޮށް ކަމަށެވެ.

އެގޮތުން އެ ކޮމިޝަނުން ހުށަހެޅި އަދަދަށް ވުރެ އެއް މިލިއަން ރުފިޔާ އުނިކޮށްފައިވާކަން ފާހަގަ ކުރައްވައި، ރަމީލާ ވިދާޅުވީ، މުސާރައިގެ އާ އޮނިގަނޑުގެ ތެރެއިން މުވައްޒަފުންގެ މުސާރަ މިއަހަރުގެ ނޮވެމްބަރު މަހު އިތުރުވިއިރު، އެ އަދަދުތައް ވެސް ބަޖެޓުގައި ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ބަޖެޓް ފޮނުވީ، އެ އަދަދުތައް ނުހިމަނަ އެވެ. އެކަމަކު އާ ބަދަލުތަކަށް މި އަހަރު އަމަލުކުރަން ފެށުމުން، މުސާރައަށް އައި އިތުރުވުމަށް ވެސް ބަޖެޓަށް އިތުރަށް ފައިސާ ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ރަމީލާ ވިދާޅުވީ، މަޖިލީހަށް ހުށަހެޅި ބަޖެޓުގައި މުސާރައަށް ކަނޑައެޅި އަދަދަށް ބޮޑު ބައެއް އިތުރުވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި އެޗްއާރްސީއެމަށް ކަނޑައަޅާފައި އޮތީ 29.7 މިލިއަން ރުފިޔާ އެވެ.

ރަމީލާ ވިދާޅުވީ، މުސާރައިގެ އިތުރުން އެކޮމިޝަނުގައި ދަތުރުކުރުމަށް ވެހިކަލެއް ނެތުމަކީ، ޓެކްސީ ހަރަދު އިތުރުވެ، ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދަން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމެއް ކަމަށެވެ. އެހެންވެ، އެކޮމިޝަނަށް އަމިއްލަ ވެހިކަލެއް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްާރުސީއެމްއަކީ މިހާރު އޮތް ގާނޫނުއަސާސީން އެންމެ ފުރަތަމަ އުފެއްވި ކޮމިޝަން ކަމަށާއި، 18 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އަމިއްލަ ވެހިކަލެއް ނޯންނަ ކަމަށްވެސް ވިދާޅުވިއެވެ

"އަޅުގަނޑުމެންނަކީ ފުދޭވަރަކަށް ގިނަ ތަންތަނަށް މުވައްޒަފުން ދަތުރުކޮށް ހަދަން ޖެހޭ ތަނެއް. އެންމެ ދުވަހެއްވެސް ނުދާނެ ކަސްޓޯޑިއަލް އަކަށް ނޫނީ ޖަލަކަށް ނޫނީ ތަނަކަށް ވިޒިޓް ކުރަން ނުޖެހޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހާއްސަކޮށް މަރު ކޭސްތަކުގައި ހާއްސަ ކިޓްތަކެއް އުފުލަން ޖެހޭ ކަމަށާއި އެ ހާލަތްތަކުގައި ވެސް ވެހިކަލެއް ވަރަށް މުހިއްމު ކަމަށެވެ. އެ ކޮމިޝަންގެ ސަދަން ބަރާންޗެއް ހުންނަ އިރު ނޮދަން ބްރާންޗެއް ވުޖޫދަށް ގެންނާން އަންނަ އަހަރު ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އުތުުރު އަތޮޅުތަކުގެ ކޭސްތައް ކުރިއަށްދާ އިރު އިންޓަވިއުތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށާއި މިކަން އަންނަ އަހަރުގެ ބަޖެޓުން ހަމަޖެހިގެން ދިއުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އެކަންތައްތަކާއެކު އެ ކޮމިޝަނުން ވަނީ ބަޖެޓަށް 7.7 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށް ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް ހުށަހަޅައިފަ އެވެ.