ރައްޔިތުން ބޯހިޔާވަހިކަމަށް އެދި ސަލާން ޖަހަންޖެހޭ ޖެހުން މިހާރު ނިމުމަކަށް އަންނަން ގާތްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. ސައީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ވޭތުވެދިޔަ ސަރުކާރުތަކުންވެސް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ މައްސަލަ ހައްލުކުރެވިފައިނުވާ ކަމަށެވެ.

ސައީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެވޭނެ ޑިވެލޮޕްމެންޓް ޕްލޭނެއް އަދި މެނިފެސްޓޯއެއް އޮތީ މި ސަރުކާރުގައި ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުޅި މެނިފެސްޓޯއަކީ ގާތްގަނޑަކަށް ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ މެނިފެސްޓޯއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގެ ތާރީހުގައި ހިއްކޭނެ އެންމެ ބޮޑު ބިން އެއޮތް އަންނަނީ ހިކެމުން، ރަސްމާލެ. އެންމެ ބޮޑު، ހިކިގެން އަންނައިރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރުގެ މައިގަނޑު ކޮންކުލިއުޝަނަކީ، ދިވެހިރާއްޖޭގައި އެއްވެސް ހިސާބެއްގައި، ހާއްސަކޮށް މި މާލޭ ސަރަހައްދުގައި ދިިރިއުޅޭ ބޭފުޅުން، އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް އޮތަކަ ނުދޭނަމޭ ބޯހިޔާވަހިކަމާ ދޭތެރޭގައި،" ސައީދު ވިދާޅުވިއެވެ.

"އެ ވައުދުފުޅާ އެއްކޮށް މިއަދާ ހަމައަށް ކުރެވުނު މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވިއްޔާ، ހިޔާލީ، އުފަންނުވާ ބިންތަކެއް ކުރީ ސަރުކާރުން ބަހާފައި ދިޔަ ދިއުން މިއަދު އެ އަންނަނީ ހަގީގަތަކަށްވަމުން. ބޮޑެތި ބިންތައް ހިކެމުން. އަދި ގޯތި ގެދޮރަށް ކުރި އިންތިޒާރުތައް ނިމެމުން އިރާދަކުރެއްވިއްޔާ. ބޭންކުން ލޯނުވެސް ލިބެމުން،"

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިގެން ދިއުމަކީ ރައްޔިތުން އެންމެ ބޮޑަށް ކުރަމުންދާ އިންތިޒާރު ކަމަށް ސައީދު ވިދާޅުވިއެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ރައީސް ގެންދަވަނީ މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކާއެކު ރެޔާއިދުވާލު މަސައްކަތްޕުޅުކުރައްވަމުން ކަމަށެވެ.