ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕާއި، ސަރުކާރުގެ އިހުލާސްތެރިކަން ރައްޔިތުން ބަލައިގަންނަ ކަމަށާއި، ރައްޔިތުން ނުކުމެ ސަރުކާރަށް ފެންނަނުފެންނަ ވޯޓު ކާމިޔާބުކޮށްދޭނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މައްޗަންގޮޅި ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ފެންނަނުފެންނަ ވޯޓުން، ސަރުކާރު ލަދުވެތި ގޮތަކަށް ބަލިވެގެންދާތަން ފެންނާނެކަމަށް އިދިކޮޅު އެމްޑީޕީގެ ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު އެއްކޮށްލަނީ ކަމަށްބުނެ ރައްޔިތުންނަށް އޮޅުވާލުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު ބާއްވަނީ ވަކިވަކިން ކަމަށާއި، ނަމަވެސް އެ ދެ އިންތިހާބު ބާއްވާނީ އެއް ދުވަހެއްގައިކަމަށް ނާޒިމް ވިދާޅުވިއެވެ.

"ދެން މީގަ އެމްޑީޕީގެ ފަރާތުން މިއަދު އަޅުގަނޑު ބުނާތީ އަޑުއެހިން، އަޅުގަނޑުމެން ލަދުގަންނަވާލާ ވަރުގެ ބައްޔަކުން އަޅުގަނޑުމެން ބަލިކުރާނަމޭ. އަޅުގަނޑު ވަރަށް ޔަގީންކަމާއެކު މި ދަންނަވަނީ، އަޅުގަނޑުމެން މިކަމީ ހެޔޮހިތުން، އިހުލާސްތެރިކަމާއެކު ރައްޔިތުންނަށްޓަކާ ކޮށްދޭ ކަމަކަށްވާތީ، ރައްޔިތުން އެކަން ބަލައިގަންނާނެ. އަޅުގަނޑުމެން މި ފެންނަނުފެންނަ ވޯޓު ކާމިޔާބުކުރާނީ ކޮންމެހެން އެގޮތަށް އެ ބީދާއަކުން ނޫން، ރައްޔިތުންނަށް ކޮށްދޭ ހެޔޮކަމެއްގެ ގޮތުން. ރައްޔިތުން ބުނާ އަޑުއެހުމަކީ އަޅުގަނޑުމެން އުފާވާނެކަމެއް. އަޅުގަނޑުމެން އެއްގޮތަކަށްވެސް ލަދުގަންނަންޖެހޭކަމެއް ނޫން، ކަންބޮނޑުވާންޖެހޭވެސްކަމެއް ނޫން" ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަޖިލީހުން ފާސްކޮށްފަ، ރައްޔިތުންގެ އަޑުއެހުމަށްޓަކާ، ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް މިދަނީ. އެހެންވީމާ، އަޅުގަނޑުމެންގެ އިހުލާސްތެރިކަން ބަލައިގަނެ، ރައްޔިތުން މިކަމަށް ވޯޓުދީ، މި އިސްލާހު ފާސްކޮށްދޭނެކަމާ ދޭތެރޭގަ އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން"

އެމްޑީޕީ މިހާރު ފެންނަނުފެންނަ ވޯޓާމެދު ވާހަކަ ދައްކަމުންދަނީ މާޒީ ހަނދާން ނެތިފައިވާ ބައެއް ފަދައިންކަމަށް ނާޒިމް ވިދާޅުވިއެވެ. ގާނޫނުއަސާސީ އިސްލާހުކުރި މަޖިލިސްގެ މެންބަރެއްގެ ގޮތުގައި ހުރިކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ހާއްސަ މަޖިލީހުގައި ވޯޓުތައް ތަރުތީބު ކުރާނެ ގޮތާ ބެހޭގޮތުން ބަހުސްކޮށްފައިވާ ކަމަށެވެ.

ފެންނަނުފެންނަ ވޯޓަކުން ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްފަހު އިންތިހާބު ބާއްވާނެ ތާރީހުތައް ކަނޑައެޅުމުގެ ބަހުސްވެސް ކޮށްފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ހާއްސަ މަޖިލީހަށް ހުށަހެޅި، ހުށަހެޅުމަށް ތާއީދު ލިބުމުން، އެ ހުށަހެޅުމަށް ވޯޓަށް އަހައިފައިވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން މިއީ ކުރެވިފައި ނެތް ބަހުސެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"ދެ އިންތިހާބުގެ ތާރީހު މި ފަރަގުވެގެން، ފުށުއަރައިގެން ދިޔައީ ކީއްވެތޯވެސް އަޅުގަނޑުމެން އެބަޖެހޭ ބަލައިލާން. އާ ގާނޫނުއަސާސީ ތަސްދީގުކުރުމާއެކު، މިނިވަން މުއައްސަސާތަކެއް އުފަންވި. އޭގެ ތެރެއިން މިނިވަން މުސްތަގިއްލު އިލެކްޝަންސް ކޮމިޝަނެއް ހަދަންޖެހޭ، އިންތިހާބުތަކާ ބެހޭ އާ ގާނޫނެއް ހަދަންޖެހޭ. ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން މީ އިންތިހާބީ ދާއިރާތަށް ކަނޑައަޅަންޖެހޭ. އެ ގާނޫނުތައް ފަރުމާކޮށް، އެ ގާނޫނުތައް ފާސްކޮށް ނިންމަން ނެގި ވަގުތުގެ ސަބަބުން ދެ އިންތިހާބުގެ މުއްދަތު، މި ބާއްވާ ތާރީހު ފަރަގުވެގެން ދިޔައީ" ނާޒިމް ވިދާޅުވިއެވެ.

"މަޖިލިސް އިންތިހާބު 2008 ވަނަ އަހަރު ބާއްވާފަ، 2009 ވަނަ އަހަރުގެ މޭ މަހާ ހިސާބަށް، މަޖިލިސް އިންތިހާބު ލަސްވެގެން ދިޔައީ މި ދެންނެވި ގާނޫނުތައް ހެދުން ލަސްވުމުގެ ސަބަބުން. މި ދެެންނެވި ގާނޫނުތަކުގެ ސަބަބުން ހަދަންޖެހޭ ގަވާއިދުތައް ހެދުން ލަސްވުމުގެ ސަބަބުން"

ދެ އިންތިހާބު އެއްކޮށް ނުބޭއްވުމަކީ ގާނޫނުއަސާސީ އެކުލަވާލި މެންބަރުންގެ ވިސްނުމެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ. ހާއްސަ މަޖިލީހުން ނިންމީ ވީ އެންމެ އަވަހަކަށް އިންތިހާބު ބޭއްވުމަށްކަމަށް ނާޒިމް ވިދާޅުވިއެވެ.