ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރަން ހުށަހަޅައިފައިވާ މައްސަލައިގައި ގޮތް ނިންމަން ބާއްވާ ޖަލްސާ އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީން ނިންމީ މި މަހުގެ 13 ވަނަ ދުވަހު އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ 73 މެންބަރުން ސޮއިކޮށް ނާޒިމް މަޖިލީހުގެ ނައިބު ކަމުން ވަކިކުރަން ވަނީ ގަރާރެއްވެސް މި މަހުގެ 14ގައި ހުށަހަޅައިފައެވެ.

ގާނޫނުއަސާސީގައި ވާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށަހަޅާއިރު، 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެއެވެ. އަދި މަޖިލީހުގެ ގަވައިދުގައި އޮންނަނީ އެފަދަ މައްސަލައެއްގައި 14 ދުވަހުގެ ނޯޓިސް ހަމަވުމުން، އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި ޖަލްސާ ބާއްވަން ވާނެ ކަމަށެވެ.

ނާޒިމްގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅައިފައިވާ ގަރާރާ ގުޅޭ ގޮތުން ގޮތް ނިންމުމަށް އަންނަ އާދިއްތަ ދުވަހު ޖަލްސާ ބާއްވާނެކަން މެންބަރުންނަށް އަންގާފައިވާކަން "ވަން" އަށް ވަނީ އެނގިފައެވެ.

ޕީއެންސީން މަޖިލީހަށް ހުށަހެޅި ގަރާރުގައި ނާޒިމް ވަކިކުރަން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި ރައްޔިތުންގެ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާ އިން ބަރީއަވުން ކަމަށެވެ.

ގަރާރުގައި ނާޒިމުގެ އިތުބާރު ނެތް ކަމަށް ހިމަނާފައިވާ އިތުރު ސަބަބުތަކުގެ ތެރޭގައި، ޒިންމާއިން ބަރީއަވުމާއި ވަކި ފަރާތަކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުން ދިއުމާއި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައި ވުން ހިމެނެއެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާކަން ސާފުވާ ކަމަށާއި މަޖިލީހުގެ ހުރިހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި ނާޒިމް އިހުމާލުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ގަރާރުގައި ވަނީ ނާޒިމް އެގޮތަށް އަމަލުކުރައްވާތީ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް ނާއިބު ރައީސް ހުރަހަކަށް ވެފައިވާ ކަމަށެވެ.