އައްޑޫ ސިޓީގެ ތަރައްގީއަށް ބޭނުންވާ ކަންކަން މި ސަރުކާރަށް ހާސިލުކޮށްދެވޭނީ މިހާރު އެ ސިޓީގައި އޮތް އެމްޑީޕީ މެޖޯރިޓީ ކައުންސިލަށް ނޫނެކޭ ބުނެގެންކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އައްޑޫ ސިޓީ، މާލެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އެމްޑީޕީ ސަރުކާރެއް އޮތްއިރު އައްޑޫގައި އޮތީ އެމްޑީޕީގެ މެޖޯރިޓީ ކައުންސިލެއް ކަމަށެވެ. ނަމަވެސް އެ ސިޓީގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވިފައިނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ދެން ކޮން ކަމެއް ރަނގަޅު ކުރާ ވާހަކަތޯ މިދައްކަނީ؟ އަނެއްކާ އައްޑޫ ސިޓީގެ މި މޭޔަރުން މެޖޯރިޓީއާއެކީގަ ތިބެއްޖެ އެމްޑީޕީގެ ސަރުކާރު. އެމްޑީޕީގެ ސުޕަ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގަ އޮތްއިރުގަވެސް ހަމަ އައްޑޫ ސިޓީ ތަމްސީލު ކުރީ. ކައުންސިލް ތަމްސީލު ކުރީވެސް ހަމަ މިދެންނެވިހެން އެމްޑީޕީގެ މެޖޯރިޓީ" ޝިޔާމް ވިދާޅުވިއެވެ.

"އެބޭފުޅުން އެދައްކަވަނީ ފެނާއި ނަރުދަމާގެ ވާހަކަ. އެބޭފުޅުން އެދައްކަވަނީ ކަރަންޓު ކެނޑޭ ވާހަކަ. އެބޭފުޅުން އެދައްކަވަނީ މަގުތަކުގެ ވާހަކަ. އަޖައިބެއް ނޫންތޯ، އަޖައިބަކަށް ނުވޭތޯ"

ޝިޔާމް ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސައްވަރެއް ގެންގުޅުވާ ކަމަށާއި، އެހެންކަމުން އެ ތަސައްވަރު އެގޮތަށް ކުރިއަށް ގެންދިޔުމަށް ޕީއެންސީގެ ކައުންސިލަރުން އިންތިހާބުކޮށް، ކައުންސިލްގައި އޮތް "އެމްޑީޕީގެ ރަސްކަން" ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

"މިބޭފުޅުން ރަސްކަން، ރަސްކަމެއްގެ ގޮތުގަ އަޅުގަނޑު މިދަންނަވަނީ، ރަސްކަންތައް ގިނަ ދުވަސް ވާނެ އާންމު ގޮތެއްގަ އޮންނަނީ. ރަސްކަމެއް މި ނިންމަނީ އަޅުގަނޑުމެން އިނގޭތޯ. ތަފާތު އިރާދަކުރެއްވިއްޔާ ފެނިވަޑައިގަންނަވާނެ" ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް ހުރީ ގިނަ އަދަދެއްގެ ފައިސާ ބޭނުންވާ ކަންކަން ކަމަށާއި، މައްސަލައަކަށްވީ އެމްޑީޕީ ސަރުކާރު ނިމިގެންދިޔައިރު "ވަތްގަނޑުގައި" ފައިސާ ނެތުން ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު، މިހާރުވަނީ އައްޑޫގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދައްވައިފައިކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އައްޑޫ ސިޓީގެ މުހިއްމު ތަރައްގީގެ މަޝްރޫއުތައް އައްޑޫ ސިޓީއަށް މިއަދު ބޭނުންވާ ކަންކަން، ކުރައްވާނެ ގޮތުގެ މާލީ އިންތިޒާމުތަކާއި އެހެނިހެން އިންތިޒާމުތައް އެމަނިކުފާނު ގެންނަވައިފި. އެމަނިކުފާނު އައްޑޫ ސިޓީއަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ރަނުން ރަނަށް އެމަނިކުފާނު ފުއްދަވާނެކަން. ރަނުން ރަނަށް ފުއްދަވާނެ." ޝިޔާމް ވިދާޅުވިއެވެ.

ރައީސްވަނީ އައްޑޫގެ ކައުންސިލާ ބައްދަލުކުރައްވައި، އައްޑޫގެ ތަރައްގީއަށް ގެންގުޅުވާ ސިޔާސަތު ވިދާޅުވެދެއްވާފައިކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެ ސިޔާސަތު ތަންފީޒު ކުރުމުގެ މަސައްކަތް ރައީސް ކުރައްވަމުން ގެންދަވާތީ، އައްޑޫގެ މޭޔަރަކަށް މިހާރު ހުންނެވި އަލީ ނިޒާރު ގެންދަވަނީ ސަރުކާރަށް އެތަކެއް ޖެއްސުންތަކެއް ކުރަމުންކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިއަދު އައްޑޫ ސިޓީ ކައުންސިލްގަ ތިއްބެވި މޭޔަރު ހިމެނޭގޮތުން ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެހެންކަމުން ޖެއްސުންހާ އުނދަގޫތައް ސަރުކާރަށް ޖެއްސުމުގަ އެންމެ ކުރީގަ އަޅުގަނޑުމެންނަށް މިފެންނަނީ އައްޑޫ ސިޓީގެ މޭޔަރު. އެންމެ ކުރީގަ އެބަހުންނަވާ. އަޅުގަނޑު ހަގީގަތުގަވެސް މިވާހަކަ މިގޮތަށް ދައްކާކަށް ނެތިން އެހެންނަމަވެސް އަޅުގަނޑަށް އެނގޭ ދިވެހިރާއްޖޭގެ އެންމެ ބޮޑު އާބާދީއަކީ ތައުލީމީ އެންމެ ބޮޑު އާބާދީއެއް އޮތީ އައްޑޫ ސިޓީގަ. ދިވެހިރާއްޖޭގަ މިހިނގާ ކަންކަން ވާނުވާ ކަންކަން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ" ޝިޔާމް ވިދާޅުވިއެވެ.

އައްޑޫގެ ރައްޔިތުންވަނީ ފާއިތުވި އިންތިހާބުތަކުގައި އެމްޑީޕީއަށް ވަރަށް ބޮޑަށް އިތުބާރުކޮށް، މެޖޯރިޓީ ދީފައިކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް އައްޑޫގެ ރައްޔިތުންނަށް ލިބުނީ ނާއުންމީދާއި، މާޔޫސްކަންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަދު އެއިތުބާރު ގެއްލިއްޖެކަން އަޅުގަނޑުމެންނަށް ބުނެދެވެނީ އެންމެ ފަހުން މިބޭއްވުނު ރައްޔިތުން މަޖިލީހާ ހިސާބުން އަދި ހަމައެއާއެކީ ރިޔާސީ އިންތިހާބާ ހިސާބުން. ރައީސް ޑރ މުހައްމަދު މުއިއްޒު އަށް އުއްމީދުތަކަކާ އެކީގަ މަސައްކަތް ކުރުމަށް އަތޮޅު ރައްޔިތުންވެސް ފުރުސަތު ދީފި" ޝިޔާމް ވިދާޅުވިއެވެ.