މިދިޔަ ދޮޅު މަސް ތެރޭގައި 83 ކިލޯގެ މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފަށް އެތެރެކުރި ދެ މިލިއަން ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ އެ މިނިސްޓްރީން އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ އެންމެ ބޮޑު އެއް މަސައްކަތަކީ ޑްރަގްގެ ސަޕްލައި މަދުކުރުން ކަމަށެވެ.

"މިގޮތުން ފާއިތުވި ދޮޅުމަހެއްހާ ދުވަސް ތެރޭގައި ދިވެހި ރާއްޖޭގެ ކަސްޓަމްސްއާ ގުޅިގެން ހިންގުނު ތަފާތު އޮޕަރޭޝަންގެ ނަތީޖާއެއްގެ ގޮތުން 83450 ގްރާމްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައި، މިއީ މަގުމަތީގެ އަގުންނަމަ 72.2 މިލިއަންގެ މަސްތުވާތަކެތި،" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ ފުލުހުންނާއި ކަސްޓަމްސްގެ ވަރަށް ގިނަ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ. ހާއްސަކޮށް ކަސްޓަމްސް އިން ބޯޑާ ސެކިއުރިޓީ ބެލެހެއްޓުމުގައި މިހާރު ގެންގުޅޭ ތަފާތު އެކި އެކި ހުނަރުތައް ބޭނުންކޮށްގެންނާއި އަދި އިންޓެލިޖެންސްގެ އަލީގައި ލިބޭ މައުލޫމާތުން ކަމަށް އިހުސާން ވިދާޅުވިއެވެ.

އެގޮތުން ތަފާތު 8 މައްސަލައެއްގައި 72 ކިލޯ މަސްތުވާތަކެއްޗަކީ ކަސްޓަމްސް އިން ކަނޑާއި ވައިގެ މަގުން އަތުލައިގެންފައިވާ މަސްތުވާތަކެތި ކަމަށާއި މިތަކެތީގެ އަގަކީ 59 މިލިއަން ރުފިޔާ ކަމަށް އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން ގަވައިދާ ހިލާފަށް އަދި ރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެތި ހިފެހެއްޓުމަށް ވެސް ކަސްޓަމްސް އިން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ ދޮޅުމަސް ދުވަހުގެ ތެރޭގައި 7000 ވޭޕް ސްޓިކާއި ދެ މިލިއަނެއްހާ ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.