އދ. މާމިގިލީގައި، އެ ދާއިރާގެ މަޖިލިސް މެންބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަމިއްލަ ހަރަދުގައި ބިނާކުރި "މަސްޖިދު އިބްރާހިމް" މިއަދު ހުޅުވައިފިއެވެ.

އެ މިސްކިތް ހުޅުވައިދެއްވީ މިއަދު މާމިގިލީގައި ބޭއްވި ރަސްމިއްޔާތެއްގައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ގާސިމެވެ.

މިސްކިތް ހުޅުވުމަށްފަހު، އެ މިސްކިތުގައި މިއަދު ކުރި ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޝަހީމެވެ.

މަސްޖިދު އިބްރާހިމަކީ އެއްފަހަރާ 800 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ އޮތް ބޮޑު މިސްކިތެކެވެ. އެ މިސްކިތް ފަރުމާކޮށްފައިވަނީ އަންހެނުންނާއި، ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމާއި، ވުޟޫކުރެވޭނެ ފަސޭހަ ނިޒާމަކާއެކުގައެވެ.