މިދިޔަ ބުދަ ދުވަހުގެ ރޭ ކުޑަކުއްޖަކު މަރުވި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މިދިޔަ ބުދަ ދުވަހު ބުނެފައިވަނީ މާލެ ބޮޑުތަކުރުފާނު މަގު ބްރިޖު ލައިޓްކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ގޮސް ޕޭވްމަންޓު މައްޗަށް އަރައި އެކްސިޑެންޓް ވެފައިވާ މައްސަލަ އެ ރޭ ދަންވަރު 1:39ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓު ހިނގި އިރު ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާ އާއި 16 އަހަރުގެ ޒުވާން ކުއްޖާއަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެއީ ދިވެހި ދެ ފިރިހެނުން ކަމަށާއި، އަދި ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާ އަތުގައި އޭ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަކަމަށް ފުލުހުން ބުނެފައިވެއެވެ.
އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބެލުުމުގެ ދަށަށް ގެންގޮސްފައިވަނީ ރ. އިނގުރައިދޫ، ނެދުންގެ، އާދަން އާރިފް (19އ) އެވެ. ފުލުހުން އޭނާއަށް ކުރަނީ އެއްގަމު އުޅަނދު އެކްސިޑެންޓުވުމުގެ ކުށުގެ ތުހުމަތެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ވަނީ ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ނަމަވެސް ކޯޓުން އަމުރުކުރީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން ކުށުގެ ތުހުމަތުކުރެވޭ މިންވަރުގެ ހެކި ފުލުހުން ވަނީ ހުށަހަޅައިފައެވެ. އާދަން އާރިފް ކޯޓުގައި ބުނީ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލަދިނުމަށް އެދޭ ކަމަށާއި، މި މައްސަލައިގެ ހާދިސާއަކީ އޭނާގެ ގަސްދުގައި ހިނގި ހާދިސާއެއް ނޫން ކަމަށެވެ.
"ދެ ރައްޓެހިން ސައިކަލުގައި ދަނިކޮށް މި ހާދިސާ މިހެން ހިނގީ ކަމަށާއ،ި މިކަން މިހެން ހިނގީތީ ހިތާމަކުރާ ކަމަށާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި ހަރުކަށި ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް އެދޭކަމަށް ދިފާއުން ފާހަގަކުރުމުން ތުހުމަތުކުރެވޭ ފަރާތަށް ލިބިފައިވާ އަނިޔާތަކަށްވެސް ރިއާޔަތްކޮށް، ހަރުކަށި ޝަރުތުތަކާއެކު ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދޭނަމަ، ބަންދުން ދޫކުރުމަށް ފުލުހުންގެ ފަރާތުން އިއުތިރާޒް ނުކުރާކަމަށް ފުލުހުންގެ ފަރާތުން ފާހަގަކޮށްފައިވޭ" އަމުރުގައި ބުންޏެވެ.
އެ ކަންކަމަށް ރިއާޔަތްކޮށް، އޭނާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ނިންމީކަމަށް އަމުރުގައި ބުންޏެވެ.
މުހައްމަދު އިޝާން
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް