ސްރީ ލަންކާއާއި އިންޑިއާގައި ކުރިއަށްދާ އައިސީސީ ފިރިހެން ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ޖާގަ، އިންގްލެންޑުން ޔަގީން ކޮށްފިއެވެ.
މުބާރާތުގެ ގަދަ އަށް ޓީމު ދެ ގްރޫޕަކަށް މިހާރު ވާދަކުރަމުންދާ އިރު، އިންގްލެންޑުން ގްރޫޕް ސްޓޭޖުގައި ބާކީ މެޗެއް އޮއްވާ ސެމީ ފައިނަލް ޔަގީންކުރީ މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެގެންނެވެ. ގަދަ އަށެއްގެ ގްރޫޕް ދޭއްގައި އިންގްލެންޑުން ކުޅުނު ފުރަަތަމަ މެޗުގައި ހޯސްޓް ސްރީ ލަންކާ ބަލިކުރި އިރު، ރޭ ޕާކިސްތާން ބަލިކުރީ ދެ ވިކެޓުންނެވެ.
ޕައްލެކެލޭގައި ކުޅުނު މެޗުގައި އިންގްލެންޑްގެ ތަރިއަކަށްވީ 100 ލަނޑު ހެދި ހެރީ ބްރުކްސްއެވެ. އޭނާ ސައްތަ ފުރިހަމަ ކުރީ 10 ބޯޅައެއް ހަތަރަކަށް، ހަތަރު ބޯޅައެއް ހަޔަކަށް ޖަހައިގެންނެވެ. ބްރުކް ސައްތަ ހެދީ ޓީމަށް ޕްރެޝަރު ވަގުތުގައި ކުޅެގެންނެވެ.
މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ކުޅެން އަރަން ނިންމާފައިވާ އިރު، އެޓީމުން ވަނީ 20 އޯވަރު ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވި އިރު، 164 ލަނޑު ހަދައިފައެވެ. ޕާކިސްތާނަށް އެންމެ ރަނގަޅަށް ކުޅުނީ ސަހިބްޒާދާ ފަރްހާނެވެ. އޭނާ ވަނީ 45 ބޯޅައިން 63 ލަނޑު ހަދައިފައެވެ.
އިންގްލެންޑުގެ ޖޮފްރާ އާޗާއާއި ޖޭމީ އޮވަޓަން ކޮންމެ ކުޅުންތެރިޔަކު ދެ ވިކެޓް ނެގި އިރު، ލިއަމް ޑޯސަންވެސް ވަނީ ތިން ކުޅުންތެރިޔަކު ނުބައި ކޮށްފައެވެ.
ބަދަލުގައި އިންގްލެންޑުން ކުޅެން އަރައި، އެންމެ އިތުބާރު ޖޯސް ބަޓްލާއާއި ފިލް ސޯލްޓް ކުރީބައިގައި ނުބައިވުމުން އެޓީމަށް މާޔޫސްކަން ކުރިމަތިވި ނަމަވެސް، ބްރުކްސް ވަނީ ތަފާތު ދައްކައިފައެވެ. އޭނާ ސައްތަ ހެދީ 51 ބޯޅައިންނެވެ.
އިންގްލެންޑުން މެޗު ކާމިޔާބުކުރީ 19.1 އޯވަރުންނެވެ. އެއީ ފަސް ބޯޅަ ބާކީ އޮއްވާ، 168 ހަމަކޮށްގެންނެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް