ސްޕެއިންގެ ރެއާލް މެޑްރިޑްގެ ބްރެޒިލް ވިންގް، ވިނީޝިއަސް ޖޫނިއާއާ ނަސްލީ ގޮތުން ދިމާކުރި ކަމަށް ތުހުމަތުކުރެވިފައިވާ ޖިއާންލޫކާ ޕްރެސްޓިއާނީ އެއް މެޗަށް ސަސްޕެންޑް ކުރުމަށް ޔޫއެފާއިން ނިންމައިފިއެވެ.

ޕްރެސްޓިއާނީ ވިނީޝިއަސްއާ ދިމާކޮށްފައި ވަނީ ބެންފިކާއާއި ރެއާލުން ކުޅުނު ޗެމްޕިއަންސް ލީގު ގަދަ 16 ގެ ޕްލޭ އޮފް ފުރަތަމަ ލެގުގައެވެ. އެމެޗުގައި ވިނީޝިއަސް ގޯލް ޖެހުމަށްފަހު ބެންފިކާ ނިޝާން ޖަހާފައިވާ ކޯނަރު ދަނޑީގައި ކައިރިއަށް ގޮސް އުފާފާޅުކުރި ގޮތުން ސަޕޯޓަރުންނާއި ބައެއް ކުޅުންތެރިން ހިތްހަމަ ނުޖެހުނު އިރު، ޕްރެސްޓިއާނީ މޫނު މަތީގައި ޖާޒީ އެޅުމަށްފަހު ވިނީޝިއަސްއަށް ބަހުގެ ހަމަލާއެއް ދިނެވެ.

އެ ބަހުގެ ހަމަލާއާއެކު ވިނީޝިއަސް ވަނީ ޕްރެސްޓިއާނީ ނަސްލީ ގޮތުން ދިމާކުރި ކަމަށް ބުނެ، ރެފްރީއަށް އިޝާރާތް ކޮށްފައެވެ. އަދި އެހިސާބުން ރެފްރީ ވަނީ ކުޅުން މެދުކަނޑާވެސް ލައިފައެވެ. އަލުން ކުޅުން ފެށީ ކަމަށް މަޝްވަރާ ކުރުމަށްފަހުއެވެ.

ޕްރެސްޓިއާނީ ބުނީ ވިނީޝިއަސްއަށް އޭނާ ނަސްލީ ގޮތުން ދިމާނުކުރާ ކަމަށެވެ. އަދި ބެންފިކާގެ ކޯޗު ޖޯސޭ މޮރީނިއޯ ވަނީ ވިނީޝިއަސްގެ އުފާފާޅުކުރުމަކީ ކްލަބަށް އިހުތިރާމް ކުޑަކުރުމުގެ އަމަލެއް ކަމަށްވެސް ބުނެފައެވެ.

އެކަމަށް މޮރީނިއޯއަށްވެސް ފާޑު ކިޔުން އަމާޒުވެފައިވާ އިރު، ޔޫއެފާއިން އިއްޔެ ބުނީ ރެއާލާ ދެކޮޅަށް ބެންފިކާއިން ކުޅޭ ދެވަނަ ލެގަށް ޕްރެސްޓިއާނީ ސަސްޕެންޑް ކުރި ކަމަށެވެ. އަދި އެކަމުގައި ވަގުތީ ގޮތުން އެއް މެޗަށް ސަސްޕެންޑް ކުރީ މައްސަލަ ބަލައި ނިމެންދެން ކަމަށްވެސް ޔޫއެފާއިން ބުނެއެވެ.

ޕްރެސްޓިއާނީ މެޗަކަށް ސަސްޕެންޑް ކުރި ނަމަވެސް، ރެއާލްގެ ސަންތިއޭގޯ ބާނަބޭއޫގައި ބެންފިކާއިން އިއްޔެ ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި ޕްރެސްޓިއާނީ ބައިވެރިވިއެވެ.