ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ޕްލޭ އޮފްގައި ނޯވޭގެ ބޯޑޯއިން މިދިޔަ އަހަރު މުބާރާތުގެ ރަނަރަޕް ޓީމު، ވަރުގަދަ އިންޓަ މިލާން ކަޓުވާލައިފިއެވެ.
ނޯވޭގައި ކުޅުނު ފުރަތަމަ ލެގުގައި ބޯޑޯއިން އިންޓަ ކައިރިން 3-1 އިން މޮޅުވެ، ގިނަ ބަޔަކު ހައިރާން ކޮށްލާފައި އޮތުމަށްފަހު، ރޭ ނުކުތީ ޔޫރަޕްގެ އެންމެ ތާރީހީ އެެއް ސްޓޭޑިއަމް ސަން ސީރޯއަށެވެ. ސަން ސީރޯގެ ނަތީޖާވެސް ދިޔައީ ގިނަ ބަޔަކު އުންމީދުކުރި ގޮތާ ހިލާފަށެވެ. ބޯޑޯއިން ދެވަނަ ލެގު، 2-1 އިން ކާމިޔާބުކޮށް، ގަދަ 16 ޔަގީންކުރީ އެގްރިގޭޓް 5-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
އާޓިކް ސާކަލްއަށް ނިސްބަތްވާ ބޯޑޯއަކީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ތަފާތު ނަތީޖާތަކެއް ނެރެފައިވާ ޓީމެކެވެ. އެގޮތުން ލީގު ބުރުން ސަލާމަތްވެ ޕްލޭ އޮފް ޖާގައެއް ހޯދީ މެންޗެސްޓާ ސިޓީއާއި އެތުލެޓިކޯ މެޑްރިޑްވެސް ބަލިކޮށްގެންނެވެ. އެއީ އަދި ލީގު ބުރުގައި ކުޅުނު އެންމެ ފަހު މެޗުތަކުންނެވެ.
ބޯޑޯއަކީ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޖާގަ ހޯދި ނޯވޭގެ ފުރަތަމަ ޓީމެވެ.
މެޗުގައި އިންޓައަށް ބޯޑޯ ހާސްކޮށްލުމަށް މާބޮޑު ނުރައްކަލެއް ކުރެވިފައި ނުވާ އިރު، ފުރަތަމަ 15 ވަރަކަށް މިނެޓުގައި އިންޓައިން ވަނީ ކުރިއަށް ޖެހިފައެވެ. އެގޮތުން މާކަސް ތުރާމްގެ ހަމަލާއެއް ފާހަގަވި އިރު، ދެވަނަ ހާފުގައިވެސް ބޮޑަށް އެޓޭކަށް ނުކުތީ އިންޓައިންނެވެ.
އެހެން ނަމަވެސް ގޯލް ފެނުނީ އަނެއްކާވެސް ބޯޑޯގެ ފަރާތުންނެވެ. އެގޮތުން 58 ވަނަ މިނެޓުގައި އެޓީމުގެ އޮލެ ޑިޑްރިކް ބްލޮމްބާގު ފޮނުވާލި ހަމަލާ ޔާން ސޮމާ މަތަކުރުމުން ބޯޅަ ގޯލަށް ވައްދާލީ ޖެންސް ޕީޓާ ހޭގެވެ. އޭގެފަހުން ހެކޯން އެވްޖެން ގޯލެއް ޖަހައި ނަތީޖާ ޔަގީންކުރި އިރު، އިންޓައަށް ގޯލް ޖަހައިދިނީ އަލެސާންޑްރޯ ބަސްޓޯނީއެވެ.
ރޭގެ އިތުރު މެޗުތަކަށް ބަލާއިރު، އިނގިރޭސި ހަވަނަ ޓީމެއް ގަދަ 16 ގައި ފެނިގެންދާނެކަން ނިއުކާސަލްއިން ވަނީ ޔަގީން ކޮށްފައެވެ. އެޓީމުން ގަރަބާގް ކައިިރިން ރޭ އަމިއްލަ ދަނޑުގައި 3-2 އިން މޮޅުވި އިރު، ދެ ލެގު ކާމިޔާބުކުރީ 9-3 ގެ އެގްރިގޭޓް ސްކޯއަކުންނެވެ.
ރޭ ނިއުކާސަލްގެ ގޯލްތައް ޖެހީ ސާންޑްރޯ ޓޮނާލީ، ޖޮއެލިންޓަން އަދި ސްވެން ބޮޓްމަންއެވެ. ގަރަބާގުގެ ގޯލްތައް ޖެހީ ކަމީލިއޯ ޑުރާނާއި އެލްވިން ޖަފަރަގިލިއޭ އެވެ.
ބަޔާން ލެވަކޫސަން އަމިއްލަ ދަނޑުގައި އޮލިމްޕިއާކޮސްއާ 0-0 އިން އެއްވަރުކޮށް، 2-0 ގެ އެގްރިގޭޓް ނަތީޖާއަކުން ގަދަ 16 ޔަގީންކުރި އިރު، އެތުލެޓިކޯ މެޑްރިޑުން ވަނީ ކްލަބް ބްރޫޖް ކަޓުވާލައި ގަދަ 16 ޔަގީން ކޮށްފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު