ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެވެ. އެ ކުންފުނިން ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ 46،000 ސީބީއެމް ކެޕޭސިޓީ ހުރި ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެއް ކަމަށްވާ ލެއިވް އެރިކްސަން އިންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށެވެ. ރައީސް ވަނީ އެ މަޝްރޫއުގެ ތަފްސީލުވެސް ހިއްސާކުރައްވައިފައެވެ.

23 ފެބްރުއަރީ 2026، ހއ. ދިއްދޫގެ ބިން ހިއްކައި ނިންމުން -- ފޮޓޯ/ ރައީސް މުއިއްޒު، އެކްސް

ރައީސް ހިއްސާކުރެއްވި ތަފްސީލުގައިވާ ގޮތުން، އެ މަޝްރޫއަށް މިދިޔަ މަހުގެ ތިންވަނަ ދުވަހު ޑްރެޖަރު ގެންގޮސް، މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. ޖުމުލަ 50 ދުވަހުގެ ތެރޭގައި 112 ހެކްޓަރު ވަނީ ހިއްކައިފައެވެ.

ދިއްދޫގައި ހިއްކި އެ ބިމަކީ ރަށުގެ ތަރައްގީއަށް މުހިންމު ބޭނުންތަކެއް ފުއްދުމަށް ހިއްކި ބިމެކެވެ. އޭގެ ތެރޭގައި އެ ރަށުގައި އެއާޕޯޓް ތަރައްގީކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމުގެ އިތުރުން އިޖުތިމާއީ، އެހެނިހެން އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ބޭނުންވާ ބިން ހިމެނެއެވެ.