އެމްޑީޕީގެ ތެރޭގައި މިހާރު ފެކްޝަންތައް އުފެދި އެ ޕާޓީ ބައިބައިވެ، ލޯކަލް ކައުންސިލް އިންތިހާބުން އެ ޕާޓީ ބަލިވެއްޖެކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު، ޕީއެންސީގެ ޕީޖީ ލީޑަރު އަދި ޕީއެންސީގެ ކެމްޕޭން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ތިނަދޫ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ހަގީގަތަށް ވިސްނައިފި ނަމަ، ރާއްޖޭގައި މިހާރު އިދިކޮޅު ޕާޓީއެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންނަށް އެކަން އެނގިގެންދާނެ ލޯކަލް ކައުންސިލް އިންތިހާބުގާ ކެނޑިޑޭޓުން އިލެކްޝަން ކޮމިޝަނަށް، ކެނޑިޑެސީ އެ ޕާޓީތަކުން ހުށަހެޅި އަދަދަށް ބަލާއިރުގަ. އެންމެ ބޮޑު ޕާޓީކަމަށް، އިދިކޮޅު އެންމެ ބޮޑު ޕާޓީކަމަށް ވިދާޅުވާ އެމްޑީޕީން 450 ގޮނޑި އެބައޮތް ވާދަނުކުރައްވާ. މީ އަޅުގަނޑުމެން ރައްޔިތުން ވިސްނަންޖެހޭކަމެއް. 1،352 ދެ ގޮނޑީގެ ތެރެއިން 450 ހަކަށް ގޮނޑި އެބައޮތް އެމްޑީޕީން ވާދަނުކޮށް، ވާދަނުކުރައްވާ، ވާދަނުކުރާ، ވާދަކުރާނެ ކެންޑިޑޭޓުން ނުލިބިފަ. މިހާރުވެސް ބަލިވެއްޖެ ނުންތޯ. އެއީ ޕަސަންޓޭޖަށް ބަލައިފިކަމަށްވަންޏާ ގާތްގަނޑަކަށް 30 ޕަސަންޓް ގޮނޑިއަށް އެމްޑީޕީ ވާދަނުކޮށް މިއޮތީ" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެކަމުން ދޭހަވަނީ އެމްޑީޕީގެ ތާއީދު ދަށްވެފައިވާ މިންވަރު ކަމަށެވެ. ފަލާހު ވިދާޅުވީ ޒިންމާދާރުކޮށް، ރަނގަޅު ސިޔާސީ މަސައްކަތްތަކެއް ކުރާ ޕާޓީތަކެއް އޮންނަންޖެހޭ ކަމަށެވެ.
އެމްޑީޕީ އަލުން ނަގާ ކޮޅަށް ޖެހޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިޖުތިމާއީ ފޭރާމާއި، އިގުތިސޯދާއި އަދި ދައުލަތަށް އެމްޑީޕީން ގެއްލުން ދީފައި ވާތީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަމަށް ފަލާހު ވިދާޅުވިއެވެ.
ދެން އެ ބޭފުޅުންނަށް އެންމެ ރަނގަޅު ގޮތަކީ އާ ސިޔާސީ ޕާޓީއެއް އުފެއްދުންކަމަށް ފަލާހު ވިދާޅުވިއެވެ. އެމްޑީޕީގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުން ސިޔާސީ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ނަމަ، އާ ސިޔާސީ ޕާޓީއެއް އުފައްދަން ގޮވާލާކަމަށް ފަލާހު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފެންނަނީ އިދިކޮޅު އެމްޑީޕީން މޭޔަރު މީގެ ދެދުވަސް ކުރިން ދެކުނިން ޑޯޓުޑޯގައި އުޅުއްވަނިކޮށް. މޭޔަރު ހުންނެވީ ދެ ބޭފުޅުންނާ އެއްކޮށް. ކައިރީގައި ނެތް އެކަކުވެސް. މުޅި އެމްޑީޕީ މިއޮތީ ބައިބައިވެ ފެކްޝަން ހެދިފައި" ފަލާހު ވިދާޅުވިއެވެ.
އެމްޑީޕީއަކީ ދައުލަތުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ލިބޭ އެއް ޕާޓީ ކަމަށާއި، އެ ޕާޓީއަށް މިދިޔަ އަހަރު ނުވަ މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދީފައިވާކަމަށް ފަލާހު ވިދާޅުވިއެވެ.
ނަމަވެސް އިންތިހާބާ ދިމާކޮށް ޕާޓީން ކެންޑިޑޭޓުންގެ ފީވެސް އީސީއަށް އެމްޑީޕީން ދައްކައިދީފައި ނުވާކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ކެމްޕެއިން ކުރުމަށް އެއްވެސް ހަރަދެއް ކެންޑިޑޭޓުންނަށް ދީފައިނުވާކަމަށް ފަލާހު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިބްރާހިމް ފަލާހު
އިބްރާހިމް ފަލާހު