އިޒްރޭލް މީހުން ރާއްޖެ ނާދެވޭގޮތަށް ސަރުކާރުން ނިންމާފައިވާ ނިމުމުގެ ތެރެއިން، އެ މީހުން ރާއްޖެ އެތެރެވުމުގެ ހުއްދަ ދެވޭނެގޮތެއް އޮތްތޯ، އިދިކޮޅު އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރަމުންދާކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި އިމިގްރޭޝަންގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ، އެ ބިލުން އިޒްރޭލް މީހުންނަށް ރާއްޖެ އައުން ނުހުއްޓުވޭ ކަމަަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތުން އިމިގްރޭޝަން ގާނޫނު ހަރުދަނާކުރުމަކީ ގައުމެއްގެ ހައިސިއްޔަތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ކުރީގެ ގާނޫނަށް އެކި ދުވަސްވަރު ގެނެސްފައިވާ ކުދިކުދި އިސްލާހުތަކުގެ ސަބަބުން އެ ގާނޫނު އޮތީ "ވާނުވާ ނޭނގޭ" ހާލަތެއްގައި ކަމަށެވެ.
އެހެންކަމުން މިހާރު މުހިންމީ އަލުން އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބަދަލުގައި މުޅިން އާ ގާނޫނެއް އެކުލަވައިލުން ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް މި ބިލުގެ ބަހުސްގައި އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކަށް ބަލާއިރު، އެ ފަރާތްތަކުގެ ވިސްނުން ހުރީ އިސްރާއީލު މީހުން ރާއްޖެ އެތެރެވުމަށް ދޮރެއް ހުޅުވައިދޭފަދަ ގޮތަކަށް ކަމަށްވެސް ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި، އިޒްރޭލް މީހުން ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް، ގެދޮރު ސުންނާފަތިކުރަމުން ދިޔަ ވަގުތު އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށްދިނުމަށް ދިވެހި ރައްޔިތުންނާއި ދީނީ އިލްމުވެރިން އާދޭސްކުރި ކަމަށާއި، ނަމަވެސް އެ ދުވަހު އެކަން ނުކުރެވޭނެ ކަމަށް ބުނެ އެމްޑީޕީން ބަހަނާ ދެއްކި ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް