މިހާރު ވެރިކަމުގައި އޮތް، ޕީއެންސީގެ ސަރުކާރު 10 އަހަރު ނުވަތަ 15 އަހަރަށް ދެމިގެން ގޮސްފިނަމަ ޑޮލަރު ރޭޓް 10 ރުފިޔާއަށް ދަށްވާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހުށަހެޅި މައްސަލައާ ބެހޭގޮތުން މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ޑޮލަރުގެ އަގު މައްޗަށް ގޮސް ކަޅު ބާޒާރެއް އުފެދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ، އެމްޑީޕީ ވެރިކަމުގައި ފައިސާ ޗާޕްކޮށްގެން ސަރުކާރުގައި ތަންފީޒު ކުރި އިގުތިސޯދީ ސިޔާސަތުގެ ނަތީޖާގެ ސަބަބުން ކަމަށެވެ.
އޭރު ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑުބައެއް ކޮރަޕްޝަނުގެ ތެރެއިން ގެއްލިފައިވާ އިރު، ލޯނުތައް ނަގައިގެން ފައިދާ ހުރި ކަމެއް ކޮށްފައިނުވާ ކަަމަށް އޭނާ ތުހުމަތު ކުރެެއްވިއެވެ.
"އަޅުގަނޑުމެންގެ މި ވެރިކަން އިރާދަފުޅުކުރެއްވިއްޔާ ދެމިގެން މިހެން ގޮސް ދުވަސްތަކަކަށް، 10 ވަރަކަށް 15 ވަރަކަށް އަހަރަކަށް ދެމިގެން ގޮސްފިއްޔާ ޑޮލަރު ހުންނާނީ 10 އަކަށް، 10 ގައި" ފަލާހު ވިދާޅުވިއެވެ.
ޑޮލަރު ލިބުން ދަތިވެ ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލައިގައި ކުރި ތުހުމަތަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރަސްމީ ރޭޓްގައި ދޫކުރި ޑޮލަރަށް ވުރެ 80 ޕަސެންޓް އިތުރަށް 1.9 ބިލިއަން ޑޮލަރު މި ސަރުކާރުން ދޫކޮށްފައިވާ ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް