ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލުގެ ބަހުސްގެ ތެރެއިން އެ ބިލު އިރާލާފައިވާތީ، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލަށް، ފިޔަވަޅު އެޅުމަށް ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެދިވަޑައިގެންފިއެވެ.
ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލުގެ ބަހުސްގައި އެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން މެންބަރު މައުރޫފު ފާހަގަކުރެއްވިއެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް އިތުރުފުޅު ހައްދަވާފައިވާ ކަންތައްތަކެއް ހިމެނޭ ބިލެއްކަމަށް ތުހުމަތު ކުރައްވައި، އެ ބިލު އިރާލެއްވިއެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް މައުރޫފަށް ދެންނެވިއެވެ. އަދި އެއީ މަޖިލީހުގެ ގަވާއިދާހިލާފަށް މައުރޫފު ކުރެއްވި ކަމެއް ކަމަށާއި އިތުރަށް އެފަދަކަމެއްް ތަކުރާރު ނުކުރެއްވުމަށްވެސް ދެންވިއެވެ.
މައުރޫފުގެ ފަހުން އެ ބިލުގެ ބަހުސްގައި ވާހަކަދައްކަަވަމުން ފަލާހު ވިދާޅުވީ، މިއަދުގެ ޖަލްސާގައި މެންބަރަކު ސަރުކާރުން ހުށަހެޅި ބިލެއް އިރާލާއިފައިވާ ކަމަށާއި، މަޖިލީހުގެ ސުލުކީ ކޮމިޓީން އެ މެންބަރަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
"މަޖިލިސް ރައީސް ފާހަގަކުރެއްވީ އެކަމަކީ މަޖިލީހުގެ ގަވާއިދުގައި ވަރަށްބޮޑަށް މަނާކޮށްފަ އޮންނަކަމެއް ކަމަށް، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި، މަޖިލީހަށް ހުށަހަޅާފައި ހުންނަ ބިލުތައް މޭޒުމަތީގައި ވީދައި، ކޮޅަށް އަރައި ކަންކަން ކުރުމަކީ. އެހެންވީމަ ކެންދޫ ދާއިރާގެ މެންބަރާ ދޭތެރޭގައި ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅަންޖެހޭނެ،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، އެ ފިޔަވަޅު ވާންޖެހޭނީ މަދުވެގެން އެއް އަހަރު ދުވަސްވަންދެން އެއްވެސް ކޮމިޓީއަކަށް ހާޒިރުނުވެވޭނެ ގޮތަށް އަޅާ ފިޔަވަޅަަކަށް ކަމަށެވެ.
މައުރޫފް ކުރެއްވީ ވަރަށްބޮޑު ކުށެއް ކަމަށާއި، އެ ކުށަށް އެމްޑީޕީގެ ޕީޖީ ލީޑަރުގެ ގޮތުގައި ހުންނެވި ނާޒިލް ހިތްވަރު ދެއްވާފައިވާ ކަމަށްވެސް ފަލާހު ވިދާޅުވިއެެވެ. އަދި ކުށަކަށް ހިތްވަރު ދިނުމަކީވެސް ކުށެއް ކަމަށާއި، އެހެންކަމުން މައުރޫފާއި ނާޒިލާ ދެބޭފުޅުންނަށް ސުލޫކީ ކޮމިޓީން ފިޔަވަަޅު އަޅަންޖެހޭނެ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
"މިކަމަށް ފިޔަވަޅު ނާޅައިފިއްޔާ މަޖިލިސް ތެރޭގައި މެންބަރުން އުޅެފާނެ ކޮންމެ ފަދަ ގޮތަކަށްވެސް. ތަން ކޮންޓްރޯލުން ނައްޓާލަފާނެ. އެހެންވީމަ މިތަނުގެ ގަވާއިދާ ހިލާފު ވަންޏާ އެޅެންޖެހޭ ފިޔަަވަޅުތައް އެޅެންޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފަކީ، މިހާާރު ވެސް ޖަލު ހުކުމަކަށް ތައްޔާރުވާންވެފައި ހުންނެވި މެންބަރެއް ކަމަށެވެ. އެއީ ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައިގެން ދައުލަތުގެ މުދަލަށް ގެއްލުންދީފައި ހުންނެވި މެންބަރެއް ކަމަށްވެސް ތުހުމަތުކުރެއްވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް