ރާއްޖޭގައި މިހާރު މިއޮތް ސިޔާސީ ހަމަޖެހުން ދަމަހައްޓަން ކައުންސިލްތަކަށް ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކުރަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ތިނަދޫ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެ އޮތީ ސިޔާސީ އޮއިވަރުތަކެއްގައި ކަމަށެވެ. ޝަހީމް ވިދާޅުވީ ސިޔާސީ އެ އޮއިވަރުތަކުން، ރާއްޖެ ސަލާމަތްކޮށް، އަމާންކަމުގެ އައްސޭރިއަށް ގެެނެސްދީފައިވަނީ މި ސަރުކާރުން ކަމަށެވެ.

"ރާއްޖޭގައި މިހާރު މިއޮތް ހެޔޮ ދުވަސްތައް އަޅުގަނޑުމެން ދަމަހައްޓަން ބޭނުންވޭ. މިގޮތުން މިކުރެވޭ މަސައްކަތްތަކުގެ އިއްޒަތްތެރި ރައީސުމްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި އެ މަނިކުފާނުގެ ފުރިހަމަ ބެއްލެވުމުގެ ދަށުން، ރާއްޖެ ދަތުރުކުރަމުން މިދަނީ ﷲ ގެ މަތިވެރި ރަހުމަތްފުޅާއެކު ވަރަށްވެސް ހެޔޮ އަމާޒަކަށް. އިޖުތިމާއީ ގޮތުންވެސް، ދީނީ ގޮތުންވެސް އަދި އިގުތިސޯދީ ގޮތުންވެސް، ﷲ އިރާދަކުރެއްވިއްޔާ ރާއްޖެ ދަތުރުކުރަމުން މިދަނީ ރަނގަޅު އަމާޒަކަށް،" ޝަހީމް ވިދާޅުވިއެވެ.

"އެހެންކަމުން މި ހާލަތު ދެމެހެއްޓުމަށްޓަކައި މިހާރު ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރުގެ ކެންޑިޑޭޓުން، ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުން، ސަރުކާރުގެ ތަސައްވަރަށް ތާއީދުކުރާ ކެންޑިޑޭޓުން މި އިންތިހާބު ކާމިޔާބުކުރުމަކީ، ކުރިއަށް މިއޮތް ދުވަސްތަކުގައި މި ވެރިކަން އިތުރަށް ބަދަހިކަމާއެކު ދެމެހެއްޓުމަށް އެޅިގެންދާނެ ވަރަށްވެސް ވަރުގަދަ ބިންގަލަކަށްވާނެ"

ޝަހީމް ވިދާޅުވީ ތިނަދޫގެ ތަރައްގީއަށް ބަލާއިރު ފެނިގެންދަނީ ޕީއެންސީގެ ފިކުރުގެ ތެރެއިން އައިސްފައިވާ ތަރައްގީތައް ކަމަށެވެ. އޭގެ ތެރޭގައި އިސްލާމީ މަރުކަޒާއި، ބަނދަރު ތަރައްގީކުރުން އަދި ބިން ހިއްކުން ހިމެނޭކަން ޝަހީމް ވިދާޅުވިއެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު، ކުރިއަށްގެންްދިޔަ މަޝްރޫއުތައްވެސް ހިމެނޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މި ސަރުކާރުން ތިނަދޫގައި ކުރިއަށްގެންދާ މަސައްކަތްތައް އެގޮތުގައި ދެމެހެއްޓުމަކީ މުހިންމުކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. ތިނަދޫގެ ތަރައްގީއަށް، ރައީސް މުއިއްޒު ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ތިނަދޫގެ މޭޔަރުގެ މަގާމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކީ ޖަވާހިރަކަށް ވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ތިނަދޫގެ ފަހުރެއް ކަމަށާއި، އެ ބޭފުޅާގެ އިތުރު ތައާރަފެއް ތިނަދޫގެ ރައްޔިތުންނަށް ބޭނުންނުވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.