މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ މަސައްކަތް ނިންމާލައި މާދަމާ ފަތިހު ހުޅުވާގޮތަށް ހަމަޖައްސައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކޮށް ހުޅުވާލެވޭ ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައި، މާދަމާ ފަތިހު 5:00 އިން ފެށިގެން މަގު ބޭނުންކުރާ ފަރާތްތަކަށާއި އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 21 ގައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެންގަމްޓުގެ ދަށުން ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީމައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފައެވެ.