ދުއްވާފައިވާ އެއްގަމު ޅަނދުގެ ކޮންޓްރޯލް، ކުޑަކުއްޖަކާ ނުވަތަ ލައިސަންސް ނެތް މީހަމަށް ނުވަތަ ފަސިންޖަރުންގެ ސީޓްގައި އިން މީހަކާ ހަވާލު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ ފަރާތެއް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ޖިނާއީ ދައުވާ ކުރެވޭނެ ހާލަތެއް އެއްގަމު ދަތުރު ފަތުރުގެ އާ ގާނޫނުގައި ކަނޑައަޅައިފިއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅައި މިދިޔަ އޮކްޓޫބަރު މަހުގެ 26 ގައި މަޖިލީހުން ފާސްކޮށް، މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި، އެ ގާނޫނުގައި ވާގޮތުން، ދުއްވާފައިދާ އެއްގަމު އުޅަނދުގެ ކޮންޓްރޯލް، ކުޑަ ކުއްޖަކާ ނުވަތަ ލައިސަންސް ނެތް މީހަކާ ނުވަތަ އެ އުޅަނދުގެ ފަސިންޖަރުންގެ ސީޓްގައި އިން މީހަކާ ހަވާލު ކުރުމުގެ އަދަބަކީ، އެ ކުށުގެ ކުޑަ ބޮޑު މިނަށް ބަލައި، އެ ހަވާލު ކުރި މީހާ 25،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އެގޮތަށް ކޮންޓްރޯލް ހަވާލު ކުރުމުގެ ސަބަބުން މީހަކަަށް އަނިޔާއެއް ލިބިއްޖެނަމަ، އެ ކުށުގެ އަދަބަކީ، އެ އަމަލުގެ ކުޑަ ބޮޑު މިނަށް ބަލައި 50،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ހަމަ އެގޮތަށް ކޮންޓްރޯލް ހަވާލު ކުރުމުގެ ސަބަބުން މީހަކަށް ލިބޭ އަނިޔާއެއްގެ ސަަބަބުން މީހަކު މަރުވެއްޖެނަމަ، އެ ކުށްކުރި މީހާގެ މައްޗަށް ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ދައުވާ ކުރުމަށް މި ގާނޫނު ހުރަސް ނާޅާ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ކުށްކުރި މީހާއަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދެ އަހަރު ދުވަަހާއި ފަސް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ބާތިލްކޮށް އެ ފަރާތަށް ލައިސަންސެއް އެއް މުއްދަތަށް އޮތުމުގެ ހައްގު ގެއްލިގެން ގޮސްފައިވާ ކަަމަށް ކަނޑަައަަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.