ރާއްޖޭގައި އަލުން ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނީ އިނގިރޭސިވިލާތުގެ ސިވިލް އެވިއޭޝަންގެ އެސެސްމެންޓުގައި ދީފައިވާ ލަފާތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރޭ ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގައި މިނިސްޓަރު ވިދާޅުވީ، ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމުގައި ސިއްހީ ކުއްލި ހާލަތްތަކުގައި މީހުން އުފުލުމަށް ނުވަތަ މެޑިކަލް އިވެކުއޭޝަންތަކަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ.
ރާއްޖޭގައި މީގެ 25 އަހަރު ކުރިން ހެލިކޮޕްޓަރުގެ ހިދުމަތް ދިން ނަމަވެސް، އޭރު ދިމާވި ބައެއް ހާދިސާތަކަކާ ގުޅިގެން އެ ހިދުމަތް ވަނީ މެދުކެނޑިފައެވެ. އެހެންކަމުން އަލުން މި ހިދުމަތް ފަށާއިރު ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ހަމައެކަނި ހެލިކޮޕްޓަރު އޮޕަރޭޓަރުންނެއް ނޫން ބޭނުންވަނީ. މިކަމުގައި ސަލާމަތީ މިންގަނޑުވެސް ބޭނުންވޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިހާރު ހިދުމަތް ފަށަން ނިންމާފައި އޮތީ ޔޫކޭ ސީއޭގެ އެސެސްމެންޓުތަކުގައި ދެއްވާފައި ހުރި ގައިޑްލައިނާ އެކުގައި" މިނިސްޓަރު ވިދާޅުވިއެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށްޓަކައި ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ވަނީ ދެ ފަހަރެއްގެ މަތިން ހުޅުވާލައިފައެވެ. މި މަސައްކަތް ފެށުމުގެ އެންމެ ފަހުގެ މަރުހަލާތައް ކުރިއަށް އޮތް އެއް ހަފުތާ ނުވަތަ ދެ ހަފުތާ ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ހިދުމަތް ނުފެށި ލަސްވަނީ، ދާއިރާގެ ތަޖުރިބާކާރުން ނެތުމުން ކަމަށާއި އެއީ ވަރަށް ޓެކްނިކަލް ކަމެއް ކަމަށެވެ. ނަމަވެސް މާ ލަސްތަކެއް ނުވެ، ހިދުމަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެކެއްގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ރަސްމީކޮށް ފެށުން ކަމަށް މިނިސްޓަރު އަމީން މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ހެލިކޮޕްޓަރު ހިދުމަތުގެ ތެރެއިން ފަތުރުވެރިން އުފުލުމުގެ އިތުރުން ސާޗް އެންޑް ރެސްކިއު އާއި މެޑިކަލް އިވެކުއޭޝަންގެ ހިދުމަތްވެސް ފޯރުކޮށްދޭން ޖެހެއެވެ. އަދި މިކަމަށްޓަކައި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ހިދުމަތް ފަށާ ފުރަތަމަ ތިން އަހަރު ދުވަހު، ކޮންމެ މަހަކު 50 ގަޑިއިރަށް މެޑިކަލް އިވެކުއޭޝަންގެ ހިދުމަތް އެއްވެސް އަގަކާ ނުލާ ދޭން ޖެހޭނެއެވެ.
މި ހިދުމަތް ދިނުމަށް ހޮވާ އޮޕަރޭޓަރުންނަށް އެންމެ ގިނަވެގެން ދިހަ އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ ދޭނެއެވެ.
އަލީ ޔާމިން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ކޮމެންޓް