މާލެ ސަރަހައްދުގެ ތޮއްޖެހުން އިންތިހާއަށް ގޮސް، ދުނިޔޭގެ އެންމެ ބޮޑެތި މެގަ-ސިޓީތަކަށްވުރެވެސް އަކަ ކިލޯމީޓަރަކަށް ޖެހޭ އުޅަނދުގެ ނިސްބަތް މާލޭގައި އެތައް ގުނައެއް އިތުރުވެފައިވާކަމަށް އިކޮނޮޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން، މާލެ ސަރަހައްދުގައި ދުއްވުމަށާއި ހިނގުމަށް އޮތީ 8.30 އަކަ ކިލޯމީޓަރުގެ މަގެވެ. ނަމަވެސް، އެ ޖާގައިގެ 82 ޕަސަންޓް ސަރަހައްދު އުޅަނދުފަހަރު ދުއްވުމަށާއި ޕާކުކުރުމަށް ބޭނުންކުރަމުން އަންނައިރު، ފައިމަގުގައި އުޅޭ އާންމުންނަށް ލިބެނީ މަގުތަކުގެ އެންމެ 18 ޕަސެންޓެވެ.
މާލެ ސަރަހައްދުގައި މިހާރުވެސް 130،806 އުޅަނދު ދަނީ ދުއްވަމުންކަމަށް ޓްރާންސްޕޯޓުން ބުންޏެވެ. މީގެ ތެރޭގައި 115،895 ސައިކަލާއި، 14،911 ހަތަރު ފުރޮޅުލީ އުޅަނދު ހިމެނޭކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
މިއީ މާލޭގެ އާބާދީގެ ނިސްބަތުން ބަލާ ނަމަ، ކޮންމެ ދެ މީހަކަށް ސައިކަލެއް ޖެހޭ އަދަދެއްކަމަށް ތަފާސްހިސާބުގައި ޓްރާންސްޕޯޓުން ބުންޏެވެ. މުޅި ޖުމްލަ އުޅަނދުގެ އަދަދު ބިމުގެ ނިސްބަތަށް ބަހާލުމުން ކޮންމެ އަކަ ކިލޯމީޓަރަކަށް 15،800 އުޅަނދު ޖެހޭކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
އެ ނިސްބަތަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބެލިނަމަވެސް އާދަޔާހިލާފު ބޮޑު އަދަދެއްކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
މާލޭގެ އަކަ ކިލޯމީޓަރަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުގެ އަދަދު:
- އެމެރިކާގެ ނިއުޔޯކަށްވުރެ 6 ގުނަ އިތުރު
- ޖަޕާނުގެ ޓޯކިޔޯއަށްވުރެ 8 ގުނަ އިތުރު
- ސިންގަޕޫރަށްވުރެ 13 ގުނަ އިތުރު
އެފަދަ ބޮޑެތި ގައުމުތަކުގައި ޒަމާނީ އަދި ޕަބްލިކް ޓްރާންސްޕޯޓް ނިޒާމުތައް ގާއިމުކޮށް، އަމިއްލަ އުޅަނދު ގެންގުޅުން ކޮންޓްރޯލްކޮށްފައި އޮތް ނަމަވެސް، ރާއްޖޭގައި އެފަދަ ފިޔަވަޅުތަކެއް އެޅިފައެއްނުވެއެވެ.
އަހަރުން އަހަރަށް މާލޭގެ މަގުތަކަށް އުޅަނދުތައް އިތުރުވަމުންދާއިރު، 2023 ވަނަ އަހަރު އެކަނިވެސް 8،000 އަށްވުރެ ގިނަ ސައިކަލާއި، 2،000 އަށްވުރެ ގިނަ ކާރާއި ވޭން ފަދަ ހަތަރު ފުރޮޅުލީ އުޅަނދު ވަނީ މާލެ ސަރަހައްދަށް އަލަށް ރަޖިސްޓްރީކޮށްފައެވެ.
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ކޮމެންޓް