ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ވިލިމާލެ ބަލިކޮށް، ގއ. ދެއްވަދޫން އެޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިރޭ ހުޅުމާލޭގެ ރެހެންދި ދަނޑުގައި ކުޅުނު ސެމީ މެޗުގައި ދެއްވަދޫން ވިލިމާލެ ބަލިކުރީ 4-3 ގެ ނަތީޖާއަކުންނެވެ. މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އޮންނަ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިއަހަރު މުބާރާތުގެ ފައިނަލުގައި ދެއްވަދޫން ނުކުންނާނީ ހދ. ނައިވާދުއާ ދެކޮޅަށެވެ. ނައިވާދޫން މިދިޔަ އަހަރު ފައިނަލަށް ދިޔަ ނަމަވެސް، އެޓީމަކަށްވެސް އަދި ތަށި ލިބިފައެއް ނުވެއެވެ. އެހެންކަމުން މިފަހަރު މުބާރާތުގައި މުޅިން އާ ޗެމްޕިއަނެއް ފެނިގެންދާނެއެވެ.

ދެއްވަދޫން މިރޭގެ މެޗު ފެށީ ރަނގަޅަށެވެ. އެޓީމުން ވަނީ އަށް ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެޓީމުގެ ގޯލް ޖަހައިދިނީ އަލީ ހައިޝަމް (ޗުމްޕު) އެވެ. އެއީ ސެޓް ޕީސްއެއްގައެވެ. އެ ގޯލަށް ހަތް ވަރަކަށް މިނެޓްފަހުން ވިލިމާލޭން އެއްވަރުކުރިއެވެ. އެ ގޯލް ޖަހައިދިނީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އަލީ ޝިޔާހް (ޝިޔާ) އެވެ. އޭނާ ގޯލް ޖެހީ ހިލޭ ޖެހުމެއްގައެވެ.

ޝިޔާ ގޯލް ޖެހިތާ މިނެޓެއްވެސް ނުވަނީސް، ދެއްވަދޫން އަނެއްކާވެސް ސެޓް ޕީސްއެއްގައި ގޯލް ޖެހިއެވެ. އެ ގޯލް ޖެހީ ހުޒައިފަތު ރަޝީދެވެ.

11 ފެބްރުއަރީ 2026، ހުޅުމާލެ، ހުޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލަށް ދެއްވަދޫ ދަތުރުކުރި ސެމީ ފައިނަލް މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އެ ނަތީޖާއާއެކު ދެއްވަދޫ ކުރީގައި އޮވެ ހާފު ނިންމާލި އިރު، ދެވަނަ ހާފު ފެށިގެންވެސް ހިލޭ ޖެހުމެއްގައި އެޓީމުން އިތުރު ގޯލެއް ޖެހިއެވެ. އެ ގޯލް ޖެހީ ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ. އެ ގޯލާއެކުވެސް ދެއްވަދުއަށް ހަމަޖެހިލަން ވިލިމާލޭން ފުރުސަތެއް ނުދިނެވެ. ކައުންޓާގައި އަބްދުﷲ ސަމީހު ވަނީ ފަރަގު ކުޑަކޮށްދީފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ދެޓީމުގެވެސް ފައުލް ހަމަވެ، ދެކޮޅަށްވެސް ދުރު ޕެނަލްޓީތައް ލިބިފައިވެއެވެ. ވިލިމާލެއަށް ލިބުނު ފުރަތަމަ ދުރު ޕެނަލްޓީ ސަމީހު އަތުން ނާކާމިޔާބުވި އިރު، އަނެއްކޮޅަށް ލިބުނު ދުރު ޕެނަލްޓީ ވިޝާހް އަބްދުލް މަޖީދު ވެއްދިއެވެ.

11 ފެބްރުއަރީ 2026، ހުޅުމާލެ، ހުޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލަށް ދެއްވަދޫ ދަތުރުކުރި ސެމީ ފައިނަލް މެޗުގެ ތެރެއިން ވިޝާހް ގޯލް ޖަހައި އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އޭގެފަހުން ވިލިމާލެއަށް ލިބުނު ދުރު ޕެނަލްޓީ ޝިޔާ ކާމިޔާބުކުރި ނަމަވެސް، އެޓީމުން މެޗު އެއްވަރުކުރުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.