ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބ. އޭދަފުށި ބަލިކޮށް، ހދ. ނައިވާދޫން ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިރޭ ހުޅުމާލެ ރެހެންދި ދަނޑުގައި ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ނައިވާދޫން މެޗު ކާމިޔާބުކުރީ 5-4 ގެ ނަތީޖާއަކުންނެވެ.

އެތައް ސަތޭކަ ސަޕޯޓަރުންނަކާއެކު ކުރިއަށް ދިޔަ މެޗު ފެށިގެން ކުރީކޮޅުގައި ބޮޑަށް ނުރައްކާ ކުރީ ނައިވާދޫންނެވެ. އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ ރަނގަޅު ދެ ހަމަލާއެއް ކުރީކޮޅުގައި ފެނިގެން ދިޔަ އިރު، އޭގެފަހުން އޭދަފުށިން މަޑުމަޑުން މެޗު ތެރެއަށް ވަދެ، ޕްރެޝަރު ކުޑަކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުންވެސް ފުރުސަތުތައް ހޯދިއެވެ. މުހައްމަދު ފާސިރު (ފާއްޓެ)އަށް ކުރީކޮޅުގައި ލިބުނު ހުސް ފުރުސަތުގެ ބޭނުން އެޓީމަށް ކުރެވޭނެ ގޮތެއް ނުވިއެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ނައިވާދޫގެ ޝާއްޕެ އެޓީމަށް ލީޑު ނަގައިދިން އިރު، އޭގެ ތިން މިނެޓު ފަހުން އޭދަފުށި އެއްވަރުކުރިއެވެ. އެ ގޯލް ޖަހައިދިނީ ފާއްޓެއެވެ.

މެޗުގައި ނައިވާދޫގެ ސަޕޯޓަރުން ޓީމަށް ހިތްވަރު ދެނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އެ ނަތީޖާއާއެކު މެޗު އެއްވަރުވެފައި އޮވެގެން ދެވަނަ ހާފަށް ނުކުމެފައިވާ އިރު، ދެވަނަ ހާފުވެސް ފެނުނީ ތަފާތު ވާދަވެރިކޮށެވެ. ނައިވާދޫން ބޮޑަށް އެޓޭކް ކުރި އިރު، އެޓީމުގެ ޝާއްޕެއާއި މުހައްމަދު އަސްލަމް އަދި ހުސައިން މައިޝަންއަށް ރަނގަޅު ފުރުސަތުތައް ލިބުނެވެ. އަދި ދެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، ޕެނަލްޓީއަށް މެޗު ގެންދިޔުމުގައި އޭދަފުށީގެ ކީޕަރު އަބްދުﷲ ނާސިހު މުހިއްމު ސޭވްތަކެއް ކުރިއެވެ.

ޕެނަލްޓީގައި ޝާއްޕެއާއި ފާއްޓެގެ ޕެނަލްޓީވެސް ނާކާމިޔާވި އިރު، އޭދަފުށީގެ އަލީ ނަސީމް (ދިއްލި) ޖެހި ޕެނަލްޓީ ނައިވާދޫގެ ކީޕަރު އިބްރާހީމް ނާޖިހު (ހޭޓް) ދިފާއުކުރިއެވެ.

މިރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އޮންނަ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ނައިވާދުއާ ދެކޮޅަށް ނުކުންނަ ޓީމު ޔަގީންވާނީ މިރޭ ވިލިމާލެއާއި ގއ. ދެއްވަދޫ ބައްދަލުކުރާ ސެމީ މެޗަށްފަހުއެވެ.