ފަސްވަނަ މެޗުން މޮޅުވާން ދަނިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ވެސްޓް ހެމް ކައިރިން އެއްވަރުވި އިރު، ޗެލްސީން ލީޑްސް ކައިރިން ދެ ގޯލްގެ ލީޑެއް ގެއްލުވާލައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން 2-2 އިން ލީޑްސްއާ އެއްވަރުވި އިރު، ޔުނައިޓެޑުން ވެސްޓް ހެމްއާ އެއްވަރުވީ 1-1 އިންނެވެ. ޔުނައިޓެޑްގެ އެ ނަތީޖާއާއެކު އާ ކޯޗު މައިކަލް ކެރިކާއެކު އަދި އެޓީމު ބަލިވެފައެއް ނުވެއެވެ. އެހެން ނަމަވެސް، އިންޓަނެޓްގެ މަގުބޫލުކަން ހޯދާފައި ޔުނައިޓެޑްގެ ސަޕޯޓަރު ފްރޭކް އިލެޓަށް އަދިވެސް އޭނާގެ ބޮލުގެ އިސްތަށިގަނޑު ކޮށޭނެ ގޮތެއް ނުވިއެވެ.

އިލެޓަކީ ޔުނައިޓެޑުން ޖެހިޖެހިގެން ފަސް މެޗުން މޮޅުވުމުން ނޫނީ ބޯނުކޮށަން ވައުދުވެފައިވާ އެ ކްލަބުގެ ހާއްސަ ސަޕޯޓަރެކެވެ. 2024 ވަނަ އަހަރު އޮކްޓޯބަރު މަހު އޭނާ އެވައުދުވީ ފަހުން ޔުނައިޓެޑުން އަދި ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެފައިނުވާ އިރު، ރޭގެ މެޗަކީ އެކަން ފުރިހަމަވުމާ ގާތުގައި އޮތް މެޗެކެވެ. ރޭގެ މެޗަށް ނުކުތް އިރު ޔުނައިޓެޑުން އޭގެ ކުރިން ކުޅުނު ހަތަރު މެޗުން މޮޅުވެފައި އޮތް ނަމަވެސް، ރޭގެ މެޗުން އެއްވަރުވެ، އިލެޓަށް އަނެއްކާވެސް މާޔޫސްކަމާ ކުރިމަތިވިއެވެ. އިލެޓަކީ ޔުނައިޓެޑް ސްޓްރޭންޑްގެ ނަމުން އިންޓަނެޓްގެ މަގުބޫލުކަން ހޯދި ސަޕޯޓަރެކެވެ.

ޔުނައިޓެޑުން ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ހަމަލާތައް މަދުކޮށް ފެނިފައިވާ އިރު، ވެސްޓް ހެމްގެ ކްރިސެންސިއޯ ސަމާވިލް ފޮނުވާލި ހަމަލާ މަތަކުރީ ކީޕަރި ސެނޭ ލަމެންސްއެވެ. އޭގެފަހުން އަނެއްކޮޅުން ލޫކް ޝޯގެ ހަމަލާ ދިފާއުކުރީ ރޮނގުމަތިން ކަހަލަ ގޮތަކަށެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ތޯމަސް ޝޯޗެކް ޖެހި ގޯލުން ވެސްޓް ހެމް ލީޑު ނެގިއެވެ. އެ ނަތީޖާއާއެކު ނިމެން ދަނިކޮށް، މެޗު ހުޅުވިގެން ދިޔައީ ފަހު ވަގުތުކޮޅުގައެވެ. ޔުނައިޓެޑުންވެސް ކުރިއަށް ޖެހި އެއްވަރުކުރަން މަސައްކަތް ކޮށްފައިވާ އިރު، ބެންޖަމިން ޝެސްކޯ މެޗު އެއްވަރުކުރީ 95 ވަނަ މިނެޓުގައެވެ.

ޗެލްސީން ރޭ ކުޅުނު މެޗުގައި އެޓީމުން ފުރަތަމަ ދެ ގޯލް ޖެހި އިރު، ފުރަތަމަ ހާފުގައި ލީޑު ނަގައިދިނީ ޖުއާއޯ ޕެޑްރޯއެވެ. އޭގެފަހުން ދެވަނަ ހާފުގެ ކުރީކޮޅުގައި ލިބުނު ޕެނަލްޓީއާއެކު ކޯލް ޕާމާ ޗެލްސީއަށް ނަތީޖާގެ ފަރަގު ބޮޑުކޮށްދިން ނަމަވެސް، އޭގެ 10 ވަރަކަށް މިނެޓްފަހުން ލީޑްސްއަށް ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީގައި ފަރަގު ކުޑަކޮށްދިނީ ލޫކަސް އެންމެޗާއެވެ. އަދި އޭގެ އިރުކޮޅެއްފަހުން ޗެލްސީގެ ފަހަތަށް ކުޅޭ ކުޅުންތެރިންނާއި ކީޕަރުގެ ގޯހަކުން ނޯއާ އޮކަފޯރް ވަނީ ލީޑްސްއަށް އެއްވަރު ކޮށްދީފައެވެ.

މެޗުން މޮޅުވާން ޗެލްސީ ކުރި މަސައްކަތުގައި ފަހުވަގުތު ޕާމާއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ މަތިން ބޭރަށެވެ.