ތައިލެންޑުގެ ސަންޓިޕާޕް ވަސަން (ބޮސް) ގެ ގޭމަށް ބ. އޭދަފުށި ރަނގަޅަށް ހޭނެމުން އަންނަ ކަމަށާއި، ސެމީ ފައިނަލަށް ނުކުންނަ އިރު، އެއީ ބޮޑު ފައިދާއެއް ކަމަށް ކީޕަރު އަބްދުالله ނާސިހް ބުނެފިއެވެ.

އޭދަފުށިން މިފަހަރުގެ މުބާރާތަށް ނުކުތީ ބިދޭސީ ކޯޗަކާއެކުގައެވެ. ބޮސްއަކީ މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ 10 އަހަރުވީ ތާރީހުގައި ފެނިގެންދިޔަ ފުރަތަމަ ބިދޭސީ ކޯޗެވެ. ބ. އަތޮޅުގެ ޗެމްޕިއަންކަމާއި ޒޯން ތިނެއްގެ ތަށި ވެސް އޭދަފުށިން މިހާތަނަށް ހޯދާފައިވާ އިރު، ކުއާޓާ ފައިނަލްގައި އެޓީމުން ވަނީ ވާދަވެރި މެޗެއްގައި ރ. ދުވާފަރު ބަލިކޮށްފައެވެ.

ކޯޗު ބޮސްއަކީ އޭއެފްސީ ލެވަލް، 1، 2 އަދި 3 ވެސް ފުރިހަމަކޮށްފައިވާ ކޯޗެވެ. ތައިލެންޑު އެފްއޭގެ ފުޓްސަލް އިންސްޓްރަކްޓަރު ކޯސް ވެސް ހަދާފައިވާ ކޯޗު ބޮސްއާއެކު އޭދަފުށިން އެޓީމުގެ ގޭމަށް ބަދަލުތަކެއް ގެނެސްފައިވާ އިރު، އެޓީމަށް ވަނީ އިތުބާރު ހޯދިފައެވެ.

"މިހާރު ޓީމު އަންނަނީ އާ ކޯޗުގެ ގޭމަށް ވަރަށް ބޮޑަށް ހޭނެމުން. ހުރިހާ އެންމެންވެސް ޕްރެކްޓިސްތަކަށް ޖޮއިން ކުރެވުމާއެކު، ޓީމު ވަރަށް ރަނގަޅަށް މިހާރު މިއޮތީ. ގިނަ ފަހަރު އަހަރެމެން ހަމަ ކުއާޓާއިން މޮޅުވެގެން ފައިނަލް ކުޅެފައި ވަނީ، އެހެންވީމަ މިފަހަރުވެސް އުންމީދު މިކުރަނީ ފައިނަލަށް ގޮސް ތަށި ހޯދަން،" މީގެ ކުރިން 2024 ވަނަ އަހަރު އޭދަފުށިން ރާއްޖޭގެ ފުޓްސަލް ރަސްކަން ހޯދި ޓީމުގެވެސް ކީޕަރު އަދި ކެޕްޓަން ނާސިހު ކުއާޓާއަށްފަހު ބުންޏެވެ.

އޭދަފުށި ސެމީއަށް ދިޔުމާއެކު ކީޕަރު ނާސިހު އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މިއަހަރު މުބާރާތުގެ ޗެރިޓީ ޝީލްޑްވެސް ކާމިޔާބުކޮށްފައިވާ އޭދަފުއްޓަށް އެމެޗާއި ކުއާޓާ މެޗުގައިވެސް ޕެނަލްޓީއަށް ގޮސް ތަފާތު ދެއްކީ ބަދަލު ކީޕަރު މުހައްމަދު ޝާން އެވެ. ކީޕަރު ނާސިހު ބުނީ ޝާންއަށް ޓީމުގެ އިތުބާރު އަބަދުވެސް އޮންނަ ކަމަށެވެ.

ޝާން ޕެނަލްޓީ ސޭވްކޮށް، އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

"ބަދަލު ކީޕަރަށް ވަރަށް ބޮޑަށް އިތުބާރު އޮވޭ ޕެނަލްޓީއަށް. އެންމެފަހުން ކުޅުނު އަތޮޅު މުބާރާތަށްފަހު 100 ޕަސެންޓް އިތުބާރު އޮންނާނެ ކީޕަރަށް. ޕެނަލްޓީއަށް ގޮސްފިއްޔާ އޭނާ ނަގާނެ. އެ އިތުބާރު އޮވޭ. ކުޅުންތެރިންނަށް އެކަން ވަރަށް ބޮޑަށް ޔަގީންވެސް ވާނެ،" ނާސިހު ފާހަގަކުރިއެވެ.

އޭދަފުށިން ސެމީގައި ނުކުންނާނީ މިދިޔަ އަހަރުގެ ފައިނަލަށް ދިޔަ ހދ. ނައިވާދުއާ ދެކޮޅަށެވެ. ދެޓީމު ވާދަކުރާ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.