ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ރަށުން ބޭރުގައި ވެލެންސިއާ ބަލިކޮށް، އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓެއް ގާތަށް ޖެހިލައިފިއެވެ.

ރެއާލުން ރޭ ވެލެންސިއާ ކައިރިން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭ ބާސާއިން ކުޅުނު މެޗުގައި މަޔޯކާ ކައިރިން މޮޅުވެފައިވާ އިރު، އެޓީމު އެއްވަނައިގައި އޮތީ 23 މެޗުން 58 ޕޮއިންޓާއެކުގައެވެ. ރެއާލް މިވަގުތު ދެވަނައިގައި އޮތީ އެ އަދަދަށް މެޗު ކުޅެ، 57 ޕޮއިންޓާއެކުގައެވެ.

މެޗު ފެށިގެން މާގިނައިރެއް ނުވެ، ވެލެންސިއާގެ ކީޕަރު ސްޓޯލް ޑިމިޓްރިއެވްސްކީއާ ވަނީ ސޭވްތަކެއް ކުރަން ޖެހިފައެވެ. އާދާ ގޫލާއާއި ކިލިއަން އެމްބާޕޭގެ ހަމަލާތައް ވެލެންސިއާ ކީޕަރު މަތަކޮށްފައިވާ އިރު، އަނެއްކޮޅުން ވެލެންސިއާއިންވެސް ވަނީ ފަޅި ފުރުސަތުތަކެއް ހޯދައިފައެވެ.

ރެއާލުން މެޗުގެ ލީޑު ނެގީ ދެވަނަ ހާފުގައެވެ. 65 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނި އަލްވާރޯ ކަރެރާސްއެވެ. އެ ގޯލަށްފަހު ވެލެންސިއާއިން މެޗު ހަމަހަމަ ކުރުމާވެސް ގާތަށް ޖެހިލިއެވެ. އެއީ ލޫކަސް ބެލްޓްރަންއަށް ލިބުނު ފުރުސަތުގައެވެ. އެ ފުރުސަތު ބޭނުން ނުކުރެވި މެޗުގެ ފަހުކޮޅަށް ގޮސްފައިވާ އިރު، އެމްބާޕޭ ދެވަނަ ގޯލް ޖެހީ 91 ވަނަ މިނެޓުގައެވެ.