އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ލިވަޕޫލް ދަނޑުގައި ސިޓީން ރޭ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ފަހަތުން އަރައި ހޯދި މޮޅާއެކު ސިޓީން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލާ ފަރަގު ކުޑަކޮށްފައެވެ. އާސެނަލް މިވަގުތު އެއްވަނައިގައި އޮތީ 25 މެޗުން 56 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސިޓީއަށް 25 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ.

މެޗުން ބަލިވުމާއެކު ލިވަޕޫލަށް ވަނީ ގަދަ ހަތަރަކަށް އުނދަގޫތަކަކާ ދިމާވެފައެވެ. އެޓީމުން މިވަގުތު ހަވަނައިގައި އޮތީ 25 މެޗުން 39 ޕޮއިންޓާއެކުގައެވެ. އެއީ ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ފަސް ޕޮއިންޓްގެ ފަރަގެއްގައެވެ. ފަސްވަނައިގައި އޮތް ޗެލްސީއަށްވެސް ވަނީ ލިވަޕޫލަށްވުރެ ހަތަރު ޕޮއިންޓް އިތުރަށް ލިބިފައެވެ.

މެޗުގެ ކުރީކޮޅުން ފެށިގެންވެސް ވަނީ ހަމަލާތައް ފެނިގެން ގޮސްފައެވެ. އާލިން ހާލަންޑް ކުރީކޮޅުގައި އުފެއްދި ހަމަލާ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ދިފާއުކުރި އިރު، އަނެއްކޮޅުން ލިވަޕޫލްގެ ހޫގޯ އެކިޓީކޭއަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވިއެވެ.

ދެވަނަ ހާފުގައިވެސް ޝައުގުވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، 74 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑު ނެގިއެވެ. ޑޮމިނިކް ޒޮބޮސްލާއީގެ ހިތްގައިމު ހިލޭ ޖެހުމުން ލިވަޕޫލް ލީޑު ނެގި އިރު، އޭގެ 10 މިނެޓް ފަހުން ސިޓީއަށް އެއްވަރުކޮށްދިނީ ބަނާޑޯ ސިލްވާއެވެ.

ފަހުކޮޅުގައި ޑްރާމާ ބޮޑުކޮށް ފެނިގެން ގޮސްފައިވާ އިރު، ސިޓީއަށް ޕެނަލްޓީ ލިބުނީ 93 ވަނަ މިނެޓުގައެވެ. އެލިސަން، ސިޓީގެ މަތެއަސް ނުނޭސް އަށް ކުރި ފައުލަށް ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލީ ހާލަންޑެވެ.

އޭގެފަހުން ރަޔަން ޗަރްކީ ފޮނުވާލި ބޯޅައެއްވެސް ގޯލަށް ވައްދާލިއެވެ. އެއީ އެލިސަން ކުރިއަށް ޖެހުނު ވަގުތު ލިބުުނު ބޯޅައެއް ދުރުން ފޮނުވާލައިގެންނެވެ. އެއީ ގޯލެއް ނޫން ކަމަށް ނިންމީ އެ ބޯޅަ ގޯލަށް ވަނުން ހުއްޓުވަން ދިޔަ ޒޮބޮސްލާއީއަށް ހާލަންޑް ފައުލް ކުރުމުންނެވެ. އެ ފައުލް ބެލުމަށް ވީއޭއާރް ބެލި ބެލުމުގައި ހާލަންޑަށް ކުރިން ކުރި ފައުލަށް ޒޮބޮސްލާއީއަށް ރެފްރީ ރަތް ކާޑުވެސް ދެއްކިއެވެ.