ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ނޮކްއައުޓް ބުރުގައި ކުޅޭ ހުރިހާ މެޗަކީވެސް ވަރުގަދަ، ޕްރެޝަރު މެޗުތަކަކަށްވާނެ ކަމަށާއި، އެކަމަށް ވިސްނާނެ ކަމަށް ބ. އޭދަފުށީގެ ކެޕްޓަން އިޝާން އިބްރާހީމް (ސައްޓު) ބުނެފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގަދަ 16ގައި އޭދަފުށިން ކުޅުނު މެޗުގައި މައްޗަންގޮޅި ބަލިކުރީ 1-0 އިންނެވެ. އެއީ އުނދަގޫ މޮޅެއްގެ ގޮތުގައި ސައްޓު ފާހަގަކުރި އިރު، ގައުމީ ޓީމުން އެނބުރި އައިސް ޓީމަށް ހޭނުމަށް ކުރާ މަސައްކަތް މަޑުމަޑުން ފަސޭހަވަމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ.

"ޓީމު އަޅުގަނޑު ޖޮއިންކުރިވެސް ހަމަ ރަނގަޅަށް އިނީ. އެއީ އަތޮޅު، ޒޯންވެސް ކާމިޔާބުކޮށްފައި އޮތީ. އަޅުގަނޑަށް މި މެޗުގެ އެއް ދުވަސް ކުރިން ޓީމާ މި ގުޅުނީ، އަދި ޓީމުގެ ގޭމަށް ރަނގަޅަށް ނުވަދެނޭ. ދެން ކުޅުން ތަންކޮޅެއް ދަށްކޮށް ފެނުނު ނަމަވެސް، ނޮކްއައުޓް މެޗެއްވީމަ އެނގޭ ޕްރެޝަރުވާނެކަން. އެހެންވީމަ މޮޅަކާއެކު ހިތްހަމަ ޖެހޭ،" ސައްޓު އެމެޗަށްފަހު ބުންޏެވެ.

ކުރިން މުބާރާތުގެ ކިންގްގެ މަގާމުވެސް ހޯދާފައިވާ ސައްޓު ބުނީ ހަވީރު ކުޅުމަކީވެސް ތަފާތަކަށްވި ކަމަށާއި، މުބާރާތުގެ ނޮޮކްއައުޓް އެއްވެސް މެޗެއް ފަސޭހަ ނުވާނެ ކަމަށެވެ. ހާއްސަކޮށް، ކޮންމެ ޓީމަކާ ދެކޮޅަށްވެސް ރަނގަޅު އެނަލިސިސްއެއް ހަދައި، ތައްޔާރުވެގެން ނުކުތުން މުހިންމު ކަމަށް އޭނާ ފާހަގަކުރިއެވެ.

އޭދަފުށިން ގަދަ 16 ގައި ރ. ދުވާފަރާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.